ކިރްގިސްތާން އަތުން ބަލިވި ނަމަވެސް ރާއްޖެއަށް އުންމީދު އެބައޮތް

ސްރީ ލަންކާއާއިި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-3 އިން ކާމިޔާބު ކުރީ ލަންކާ އިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ދިވެހި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، މިއަދު ކުޅޭ މެޗުން ނޭޕާލް ބަލިކުރެވިއްޖެ ނަމަ ރާއްޖެއަށް ސެމީއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ރޭ ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ކިރްގިސްތާނު އަތުން ރާއްޖެ ބަލިވީ 15-25، 24-26 އަދި 19-25 އިންނެވެ. މި ނަތީޖާއާ އެކު ކިރްގިސްތާން ވަނީ ގުރޫޕުގެ އެއްވަނަ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރުވެފަ އެވެ. ތިން ޓީމު ހިމެނޭ ގޮތަށް ގުރޫޕްތައް ބަހާލައިގެން މުބާރާތް ކުޅޭ އިރު ރާއްޖެއާ އެއް ގުރޫޕެއްގައި ދެން ޖެހުނު ނޭޕާލް ވަނީ ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ބަލިވެފަ އެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތް ބާއްވާ ނޭޕާލް އަތުން ރާއްޖެ މިއަދު މޮޅުވެއްޖެ ނަމަ ރާއްޖެއަށް ސެމީގެ ޖާގައެއް ކަށަވަރު ވާނެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓުގައި ކިރްގިސްތާނުން ވަނީ އެ ޓީމުގެ ފެންވަރު ދައްކާލައިފަ އެވެ. ސެޓުގެ ކުރީކޮޅު ނެގި ބޮޑު ލީޑު އެ ޓީމުން ދަމަހައްޓައި ފަސޭހަ ކަމާ އެކު އެ ސެޓު ކާމިޔާބު ކުރި އިރު ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް މޮޅު ކުޅުމެއް ކުޅެފަ އެވެ.

ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު އެ ސެޓު ރާއްޖެ އަތުން ގެއްލުނީ ކުޑަ ކުޑަ ތަފާތަކުންނެވެ. އެ ސެޓުގައި ރާއްޖެއިން ސެޓު ކާމިޔާބު ކުރުމާ ގާތައް ޖެހިލި ނަމަވެސް ދިމާވި މައްސަލަ އަކީ ސެޓު ނިންމާލަން ނޭންގުނު މައްސަލަ އެވެ. މުބާރާތުގެ ކުރިން ރާއްޖެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

ކާއްޓޭ އޭރު ބުނީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ސެޓުގެ ފަހު ކޮޅަށް އަޅާލުމުން މެޗު ނިންމާލަން ނޭނގުމެވެ. އެހެން ކަންތައް ވާނަމަ ބޮޑެތި ޓީމުތަކުން އެކަމުގެ ފައިދާ ނަގާނެ ކަން ވެސް ކާއްޓޭ އޭރު ވަނީ ފާހަގަ ކޮށްފަ އެވެ.

ޖެހިގެން އައި ސެޓު ވެސް ރާއްޖެއިން ރަނގަޅަށް ފަށާފައި ވަނިކޮށް ސެޓުގެ މެދުތެރެއިން ކިރްގިސްތާނުން ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. އެ ސެޓުން ވެސް ބަލިވެ ރާއްޖެއަށް މުބާރާތުގެ ފެށުން ގޯސްކޮށްދިޔަ ނަމަވެސް އަނެއްކާ ވެސް މިވަނީ އިތުރު ފުރުސަތެއް ރާއްޖެއަށް ލިބިފަ އެވެ.

އެ މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ބައްދަލު ކުރާ ނޭޕާލް އަކީ އެންމެ ފަހުން ރާއްޖޭގައި މި މުބާރާތް އޮތް އިރު ރާއްޖެ ކަޓުވާލި ޓީމެވެ. އެހެން ކަމުން މި މެޗަށް ރާއްޖެ ނުކުންނަން ޖެހޭނީ ވެސް ބަދަލު ހިފުމުގެ ރޫހެއްގައި ކުޅެ މޮޅުވާށެވެ. އެ ފަހަރުގެ މުބާރާތުގައި ނޭޕާލް ރާއްޖެ އަތުން ކުރި ހޯދީ 1-3 އިން މޮޅުވެގެންނެވެ.
ނޭޕާލާއި ރާއްޖެ މިއަދު ބައްދަލު ކުރާ މެޗު ފަށާނީ މިއަދު ހަވީރު 4:15 ގަ އެވެ.

comment ކޮމެންޓް