ޓީޗަރުންގެ މަސައްކަތްތައް ލުއިކޮށްދީ ރޭވުންތެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް އެދިއްޖެ

ޓީޗާސް އެސޯސިއޭޝަންއިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޓީޗަރުންގެ މަސައްކަތްތައް ލުއިކޮށްދީ ރޭވުންތެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ޓީޗަރުންގެ އެސޯސިއޭޝަން އިން އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެއެވެ.

ޓީޗާސް އެސޯސިއޭޝަންއިން ވަނީ އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއެކު މިދިޔަ ހޯމަ ދުވަހު ބައްދަލުވުމެއްވެސް ބާއްވައިފައެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ޓީޗާސް އެސޯސިއޭޝަންގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރުވެސް އެކި އެސޯސިއޭޝަންތަކުންނާއި މުއްސަސާތަކުން ބާއްވާ ހަރާކަތްތަކުގައިވެސް ޓީޗަރުން ރެޔާ ދުވާލު އުޅެން ޖެހޭ ކަމަށެވެ.

" މިސާލަކަށް ބަހުގެ އެކެޑަމީން ބަހުސެއް ބޭއްވިޔަސް އެކަމާ އެބަ ޓީޗަރުން އުޅެން ޖެހޭ. ކިހިނެއްތޯ 24 ގަޑިއިރު ޓީޗަރުން ހުރިހާ ކަމެއްގަ އުޅޭނީ." އޭނާ ވިދާޅުވިއެވެ،

އޭނާ ވިދާޅުވީ ޓީޗަރުންގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ކުއްލިއަކަށް އަންނަ ކަންތައްތަކުގައިވެސް ޓީޗަރުން އަބަދުހެން އުޅެން ޖެހޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރުގެ ބަންދު ދުވަސްތަކާއި ހަފްތާ ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތްތަކަށް ނުނެރެވާނެ ގޮތަށް ރޭވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސާކިއުލާއެއް ސްކޫލްތަކަށް މިހަފްތާގައި ފޮނުވައިފައެވެ.

އެހެންނަމަވެސް ގައުމީ މުނާސަަބަތެއް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ޓީޗަރުން މަސައްކަތަށް ނެރެވިދާނެކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ޓީޗާސް އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވީ މިނިސްޓްރީން ފޮނުވި ސާކިއުލާއާ ހިލާފުވާ މައްސަލަތައް އެ އެސޯސިއޭޝަންއިން މޮނީޓާ ކުރަމުންގެންދާނެ ކަމަށެވެ.

" އެފަދަ މައްސަލަތަކުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ނުވަތަ ކޯޓަށް ދާންޖެހުނަސް ދާނަން" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ޓީޗަރުންގެ މަސައްކަތް ތަކުގެ ބުރަ ބޮޑުވި ޓީޗަރުން ލިބުމުގައި ދަތިވެފައިވާ ކަމަށެވެ.

comment ކޮމެންޓް