ޖޭއެސްސީ މެމްބަރަކަށް ވެވޭ އެންމެ ދަށް އުމުރު 30 އަށް ހަދަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކަށް ވެވޭ އެންމެ ދަށް އުމުރަކީ 30 ކަމަށް ކަނޑައަޅައި ޖޭއެސްސީ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

ޖޭއެސްސީ މެމްބަރަކަށް ވެވޭ އުމުރު 40 އަހަރަށް ބަދަލުކޮށް ޝަރުތުތަކަށް ބަދަލު ގެންނަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

ޖޭއެސްސީއަށް ކުރިމަތިލެވޭ އުމުރު 40 އަށް ބަދަލު ގެންނަން ފުރަތަމަ ހުށަހެޅުމުން ގިނަ ވަކީލުންނާއި ބާ ކައުންސިލުން އެކަމާ ނުރުހުން ފާޅު ކުރި އެވެ.

އެ ބިލު ކޮމިޓީ މަރުހަލާގައި އިސްލާހުކޮށް ޖޭއެސްސީ މެމްބަރަކަށް ވެވޭ އެންމެ ދަށް އުމުރަކީ 30 ކަމުގައި ވަނީ ހަދާފަ އެވެ. އެ އިސްލާޙު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 62 މެމްބަރުންގެ ވޯޓާ އެކު އެވެ.

ޖޭއެސްސީ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ އޭނާއަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވާން ޖެހޭ ގޮތަށް ބިލު ވަނީ އިސްލާހު ކޮށްފަ އެވެ.

މީގެ ކުރިން ބިލު ހުށަހެޅި އިރު ބުނެފައިވަނީ ޖޭއެސްސީއަށް އައްޔަނު ކުރާ ނުވަތަ އިންތިހާބު ކުރާ ވަކީލަކު އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އެ މާއްދާއަށް ކުޑަ ބަދަލެއް މިހާރު ވަނީ ގެނެސްފަ އެވެ. އެއީ ބަންޑާރަ ނައިބަށް ކޯޓު ތަކުގައި ވަކާލާތު ކުރެވޭ ގޮތަަށެވެ.

އޭގެ އިތުރުން ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތަކެއް ވަނީ ބިލުގައި ބަޔާންކޮށްފަ އެވެ. އެގޮތުން ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ކޮމިޝަނަށް ހުށަހަޅައި ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ ޖޭއެސްސީގެ ރައީސް މަގާމުން ވަކިވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އަދި ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކި ކުރަން ހުށަހަޅައިފި ނަމަ އެ މައްސަލަައިގެ ކުރިން އެހެން މައްސަލައެއް ކޮމިޝަނުގައި ތާވަލުކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައ ވަނީ ބުނެފަ އެވެ.

"ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރާ ފާސްކުރުމާމެދު އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއްނޭޅޭނެއެވެ،" ޖޭއެސްސީ ގާނޫނަށް ގެނައި އިސްލަހުގައި ބުނެފައިވެ އެވެ.

މިހާރު ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެވެ.

comment ކޮމެންޓް