އެމްއެންޔޫގެ ކައުންސިލް އެކުލަވައި ނުލަނީސް ޑެޕިއުޓީ ވައިސް ޗާންސެލަރުން މަގާމުން ވަކިކޮށްފި

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ އައިޝަތު ޝާހީން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުގައި ތިއްބެވި އައިޝަތު ޝާހީންއާއި މުއާވިޔަތު މުހައްމަދު މަގާމުން ވަކިކޮށްފިއެެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރިކަން މުއާވިޔަތު "ސަން" އަށް ވަނީ ކަށަވަރުކޮއްދެއްވައިފައެވެ.

" މިއަދު ހެނދުނު މެނޭޖްމަންޓުން ބޭއްވި ބައްދަލުވުމެއްގައި އަޅުގަނޑުމެންނަކަށް އެކަން އެންގީ. އަދި ރަސްމީގޮތުން ލިޔުމެއް ނުލިބޭ." މުއާވިޔަތު ވިދާޅުވިއެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރިއިރު ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ބަދަލުގެނެސް މިމަހު ފަސްވަނަ ދުވަހު ގެޒެޓުގައި ވަނީ ޝާއިއުވެސްކޮށްފައެވެ.

އާ ގާނޫނުގެ ދަށުން ޑެޕިއުޓީ ވައިސް ޗާންސެލާގެ މަގާމަކީ އެމްއެންޔޫގެ ކައުންސިލްއިން އިންތިހާބުކޮށްގެން ހަމަ ޖައްސަން ޖެހޭ މަގާމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އާ ކައުންސިލް އުފެދެންދެން މިވަގުތު ޑެޕިއުޓީ ވައިސް ޗާންސެލާގެ މަގާމު ދެމިއޮންނާނެކަމަށް އެ ކަައުންސިލްއިން ވަނީ ގަރާރެއްވެސް ފާސްކޮށްފައެވެ.

އާ ގާނޫނުގައި ބުނާގޮތުން ގާނޫނުގެ ގެޒެޓްގައި ޝާއިއުކުރާތާ 30 ދުވަސް ތެރޭ ކައުންސިލް އެކުލަވާލަން ޖެހެއެވެ. ނަމަވެސް ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުން ވަކި ކުރީ އޭގެ މާ ކުރީންނެވެ.

އެމްއެންޔޫގެ ޗާންސެލަރަކަށް ޑރ. ހަސަން ހަމީދު އަދި ވައިސް ޗާންސެލަރަކަށް ޑރ. މުހައްމަދު ޝަރީފު އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އައްޔަން ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް