ޖާބިރުގެ އެޑްވައިޒަރަކަށް ޑީއޯ ސައްޕެ ހަމަޖައްސައިފި

އަހުމަދު ޝަފީގު (ޑީއޯ ސައްޕެ)-- ފޮޓޯ: ޑީއާރުޕީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އެޑްވައިޒަރަކަށް އަހުމަދު ޝަފީގު (ޑީއޯ ސައްޕެ) ހަމަޖައްސައިފިއެވެ.

އޭނާ އެމަގާމަށް އައްޔަނުކުރެއްވިކަން ޑީއާރުޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.

ޝަފީގު އަކީ ކުރިން އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިޔާސަތުތަކަށް ފާޑުކިޔައި "ދިވެހި އޮބްޒާވަރުގެ" ނަމުގައި ނޫހެއްވެސް ހިންގަވައިފައެވެ.

ޝަފީގު މިއަހަރު ވަނީ "ދަރުމަވަންތަ" ނަމުގައި ސިޔާސީ ޕާޓީއެއް ވެސް އުފެއްދުމަށް މަސައްކަތް ކުރައްވައިފައެވެ.

ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު އެވެ. ޑީއާރްޕީ އަކީ ރާއްޖޭގައި އުފެދުނު ދެވަނަ ސިޔާސީ ޕާޓީއެވެ. ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ގިނަ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް 2009 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީ އަކީ ވެސް ޑީއާރްޕީ އެވެ. އެއީ 28 ގޮނޑި އެވެ.

ނަމަވެސް އެ ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު ރައީސް މައުމޫން ވަނީ އެ ޕާޓީ ދޫކުރައްވައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނަމުގައި ޕާޓީއެއް އުފެއްްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

ޑީއާރުޕީން މައުމޫން ވަކިވިފަހުން އެ ޕާޓީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސް ޕާޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރުން އަބްދުﷲ ޖާބިރު ދާދި ފަހުން ޑީއާރުޕީގެ ލީޑަރުކަމުގެ މަގާމާ ހަވާލުވެ އެ ޕާޓީ އަލުން ކޮޅަށް ޖަހައި މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އެ ޕާޓީއަށް 3000 މެމްބަރުންވެސް ދާދި ފަހުން ވަނީ ހަމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް