ޓޫރިޒަމްއަށް އަލަށް ރަށް ނެރޭނީ އެސެސްމެންޓަށް ފަހު

ދ. މާގައު -- އެ ރަށުގައި އިޓަލީގެ ބަގްލިއޯނީ ހޮޓެލްސްއިން ހެދި ރިސޯޓު 1 އޯގަސްޓް 2019 ގައި ވަނީ ހުޅުވާފައި -- ފޮޓޯ/ ބަގްލިއޯނީ ރިސޯޓްސް

ޓޫރިޒަމަށް އަލަށް ރަށް ދޫކުރާނީ ފަތުރުވެރިކަމަށް ކަނޑައަޅާ ރަށްރަށުގެ ތިމާވެށީގެ އަދި އިގްތިސޯދީ އެސެސްމެންޓު ހެދުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެންވަޔަރަމެންޓް އެސެސްމެންޓާއި އިކޮނޮމިކް އެސެސްމެންޓް ހެދުމުގެ ބޭނުމަކީ ރިސޯޓު ހަދަން ރަށް ދޫކުރުމުގެ ކުރިން ހުރި ތިމާވެށީގެ ގޮންޖެހުންތަކާއި އިގްތިސޯދީ ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ.

މި އެސެސްމެންޓް ހަދައިދޭނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ ވަނީ އިއުލާނުވެސް ކޮށްފައެވެ. އެ އިއުލާނުގައި ބުނީ ފަތުރުވެރިކަން ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން ހުށަހަޅާ ރަށްތަކުގެ އިނީޝިއަލް އެންވަޔަރަމެންޓް އެސެސްމެންޓާއި ސޯޝިއޯ އިކޮނޮމިކް އެސެސްމެންޓް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 29ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލައިފައެވެ.

މިނިސްޓަރު އަލީވަހީދު ވިދާޅުވީ ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ މައުލޫމާތު އާންމުކުރަނީ މި ދިރާސާތަކަށް ފަހު ކަމަށެވެ. މި ސަރުކާރުން ފަތުރުވެރިކަމަށް ރަށް ދޫކުރާނީ ބަލަންޖެހޭ ކަންތައް ބެލުމަށްފަހު އާންމު ބީލަމަކަށް ހުޅުވާލައިގެން ކަމަށާއި އާންމުންގެ ކަންބޮޑުވުމެއް އުޅޭނަމަ އެކަމެއް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތް ކުރާނެ ރާއްޖޭގެ ޖަޒީރާ ވަންތަކަން ހިމާޔަތް ކުރުމަށް،" ބައެއް ރަށްތަކަކީ ވަކި ވައްތަރެއްގެ ދޫނި ނިދަން އަރާކަމަށްޓަކާ ރިސޯޓު ތަރައްގީ ކުރަން ދޫނުކުރާނެ ރަށްތައްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އެންމެ އުނދަގޫވީ ހުވަދު އަތޮޅުން ރަށް ހޯދުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ ޓޫރިޒަމަށް އާ ރަށްތައް ނެރޭއިރު ޓޫރިޒަމް ނެތް ސަރަހައްދުތަކަށް އިސްކަން ދިނުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު ޓޫރިޒަމް "ފްލަޑް" ވެފައިވާ މާލެ ސަރަހައްދުން ޓޫރިޒަމަށް އާ ރަށެއް ނުނެރޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމަށް ބިން ކަނޑައަޅާނީ ކައުންސިލްތަކުން އެކުލަވާލައި ލޭންޑް ޔޫޒް ޕްލޭނަށް ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް