މާޖިދުގެ މަގާމު ގެއްލޭ އިސްލާހު މަޖިލީހުން ފާސްކޮށްފި

ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރު އަހުމަދު މާޖިދު ---

ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ) ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

ޖުޑިޝަލް އެކަޑެމީގެ ޗާންސެލަރުގެ މަގާމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ތާއީދާ އެކު އައްޔަން ކުރާ މަގާމެކެވެ. އެމަގާމަށް މާޖިދު އައްޔަނު ކުރެވުނީ 2015 ވަނަ އަހަރު އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އިސްލާހު ކޮމިޓީ މަރުހަލާގައި ދިރާސާކޮށް ބަދަލު ގެނެސްފައިވަނީ ޖޭއެސްސީ ގާނޫނަށް ގެންނަ އިސްލާހު ފާސްވާ ހިސާބުން ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރުގެ މަގާމު އުވޭ ގޮތަށެވެ. އަދި ޖުޑިޝަލް އެކަޑެމީގެ ވެރިއަކަށް ވާނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެ ބިލު ރައީސް ތަސްދީގުކުރާ ހިސާބުން މާޖިދުގެ މަގާމު ގެއްލޭނެ އެވެ.

މިއަދު މަޖިލީހުގައި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް 62 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ނުދެ ހަތަރު މެމްބަރުން ތިއްބެވެ.

ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒިފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޑީޖޭއޭ ނަގައި ޖޭއެސްސީގެ ދަށަށް ގެންދަންވެސް ޖޭއެސްސީ ގާނޫނަށް އިސްލާހު ގެނަ އެވެ.

ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހާ އެކު "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި އިދާރާއެއް އުފެދޭނެ ކަމަށް ގާނޫނަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަލުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރާ ހިސާބުން މިހާރު ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ މާގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމުވެސް ގެއްލޭނެ އެވެ. ޖޭއެސްސީ ގާނޫނަށް ގެނައި އިސްލާހުގައި އެގޮތަށް ވަނީ ލިޔެފަ އެވެ.

ޗީފް ޖުޑިޝަލް އެޑް މިނިސްޓްރޭޓަރަކަށް މީހަކު އައްޔަން ކުރުމުގެ ބާރު ގާނޫނުން ދީފައިވަނީ ޖޭއެސްސީއަށެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ.

comment ކޮމެންޓް