މަސްވެރިންގެ ޕާކުގައި ކްރޫޒް ޓާމިނަލް އަޅާނެ ބަޔަކު ހޯދަނީ

މަސްވެރިންގެ ޕާކު--

މަސްވެރިންގެ ޕާކުގައި ކްރޫޒް ޓާމިނަލް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިންދޭ މައުލޫމާތާ އެއްގޮތަށް މާލޭ މަސްވެރިންގެ ޕާކުގައި ކްރޫޒް ޓާމިނަލެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަން ފޮތަށް ފައިސާ ދައްކާ ފަރާތްތަކަށް ކަމަށާއި ބީލަން ފޮތެއްގެ އަގަކީ 500 ރުފިޔާ ކަމަށް އިއުލާނުގައި ބުންޏެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބަލައިގަންނާނެއެވެ.

ޕްރީ ބިޑް މީޓިން އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު ބިޑް ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 11:30 ގައެވެ. ބިޑް އެވޯޑު ކުރެވޭ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 ޕަސެންޓް، 14 ދުވަހުގެ ތެރޭގައި ދަައްކަން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުންޏެވެ.

ކްރޫޒްލައިނާތަކަށް ހާއްސަ ޓާމިނަލެއް އެޅުމަށް މަސްވެރިންގެ ޕާކު ބަންދު ކޮށްފައިވަނީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އެ ސަރަހައްދު ތަރައްގީކުރާނީ މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ބޭނުން ކުރެވޭނެފަދަ ގޮތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުމް މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް