ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ އައިސީޖޭއަށް ހުށަހަޅަނީ

ކަޝްމީރުގައި ތިބި އިންޑިއާ ފައުޖުތައް ވަނީ އިތުރުކޮށްފަ -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (އޮގަސްޓު 21): ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާނެ ކަމަށް ބުނެފި އެވެ.

ޕާކިސްތާނުން އެފަދައިން ބުނީ، އިންޑިއާއިން ކަޝްމީރަށް މީގެ ކުރިން ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެންނެވެ. އަދި އެނިންމުމާއެކު ކަޝްމީރުގައި އެއްވެ އުޅުން މަނާކޮށް، ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާލުމާ ގުޅިގެންނެވެ.

"ކަޝްމީރުގެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ގެންދަން އަޅުގަނޑުމެން ނިންމައިފިން،" ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރައިޝީ ވިދާޅުވި އެވެ.

އަދި އެމައްސަލާގައި ބޮޑަށް އިސްކަން ދޭނީ އިންޑިއާއިން ކަޝްމީރުގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް ކަމަށް ގުރައިޝީ ވިދާޅުވި އެވެ.

އިންޑިއާއިން މިމަހުގެ ފަހެއްގައި އެގައުމުގެ ގާނޫނު އަސާސިގެ މާއްދާ 370 އުވާލުމާ ގުޅިގެން ކަޝްމީރަށް ވަނީ އެސަރަހައްދުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު ގެއްލިފަ އެވެ. އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ކަޝްމީރަކީ ފެޑެރަލް ސްޓޭޓެއްގެ ބަދަލުގައި، މައި ސަރުކާރުގެ ބާރު ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަށް ބަދަލު ކުރަން ނިންމާފަ އެވެ.

އިންޑިއާ ސަރުކާރުން އެނިންމުންތައް އިއުލާން ކުރުމުގެ ކުރިންނާއި ފަހުން ކަޝްމީރުގެ 1،000އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ކަޝްމީރުގެ ލީޑަރުންނާއި އެސަރަހައްދުގެ ކުރީގެ ތިން ޗީފް މިނިސްޓަރަކު ހިމެނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި މާއްދާ 370 އުވާލާފައި ވަނީ ކަޝްމީރުގެ އިގުތިސާދީ ކުރިއެރުމަށާއި އެސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށެވެ.

comment ކޮމެންޓް