ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަން 21 ރިސޯޓަކުން އެދިއްޖެ

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީވަހީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިސޯޓު ކޮންސްޓްރަކްޓު ކުރުމަށް ދިން މުއްދަތުގައި މަސައްކަތް ނުނިމި ހުރި ރަށްތަކުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރުމަށް އެދި ހުށަހެޅުމަށްް ހުޅުވާލި މުއްދަތުގައި 21 ރަށެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ރިސޯޓު ހަދަން ދޫކޮށްފައިވާ 70 ރަށެއް ނުނިމިވާކަމަށާއި އޭގެ ތެރެއިން މުއްދަތު އިތުރުކުރަން އެދި ހުށަހެޅީ 21 ރަށަކުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދަނީ މުއްދަތު އިތުރުކޮށްދޭން އެދުނު ރަށްތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

ޓޫރިޒަމް އަށް ތަރަށްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރުމާ ގުޅޭ ގަވައިދެއް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އެކުލަވާލައިފައެވެ. އެ ގަވައިދުގައި ބުނާގޮތުން ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނީ ތިން ކަމަކަށް ބެލުމަށް ފަހު ކަމަށެވެ.

އެގޮތުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑް ގައި ތަން
އެއްކޮށް ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް ހުށަހަޅަންޖެއެވެ. ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރަން ހުށަހަޅާ ނަމަ، މަދުވެގެން އެއް ފޭސް، ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ މުއްދަތުގެ ތެރޭގައި ނިންމައި ހިންގަން ފެށުމަށް، އެއްބަސްވާންޖެހެއެވެ. ނޫންނަމަ ތަން ތަރައްގީކުރުމުގެ ގޮތުން ފާއިތުވި މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކާއި، އިތުރުކުރަން އެދޭ ކޮންސްޓްރަކްޝަން ޕީރިއަޑް ގައި މަސައްކަތް ހިންގަން ރާވައިފައިވާ ގޮތުގެ ވޯކް ޕްލޭނެއް ހުށަހަޅަން ޖެހެއެވެ.

ތަން ކުއްޔަށް ހިފާފައިވާ ފަރާތުން ސީއެސްއާރުގެ ގޮތުގައި، ގަވައިދުގައި ބުނާ އަދަދަށްވާ ފައިސާ ފިނޭންސްގެ ޓޫރިޒަމް އެކްޓިވިޓީ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ޖަމާކުރުމުންވެސް ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެއެވެ.

comment ކޮމެންޓް