ޔަމަންގައި މިހާރު ހިނގަމުންދާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫއޭއީ: ހާދީގެ ސަރުކާުރު

ސައޫދީ ހޮޓަލެއްގައި ހާދީގެ ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއް ކުރިޔަށްދަނީ

ރިޔާޒް (އޮގަސްޓް 21) : ޔަމަންގެ ވަގުތީ ވެރިރަށް ކަމަށްވާ އަދަން އަށް ވެރިވެގަނެގެން އުޅޭ ޔޫއޭއީގެ މަދަދުލިބޭ "އިންތިގާލީ މަޖިލިސް"ގެ ހަނގުރާމަވެރިން ހިންގަމުން ގެންދާ ހުރިހާ އަމަލުތަކެއްގެ ޒިންމާ ނަގަންޖެހޭނީ ޔޫއޭއީގެ ސަރުކާރުން ކަމަށް ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރުން ބުނެފި އެވެ.

ޔަމަންގެ ޝަރުއީ ސަރުކާރުގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން ބަލައިގަންނަ ހާދީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި "އިންތިގާލީ މަޖިލިސް"ގެ ހަނގުރާމަވެރިން އަދަން އަށް ވެރިވެގަތުމަށް ފަހު އަދަންގެ ވަށައިގެންވާ ރަށްތަކާއި ވިލެޖްތައް ވެސް ކޮންޓްރޯލްގެ ދަށަށްގެނައުމަށް "އިންތިގާލީ މަޖިލިސް"ގެ ހަނގުރާމަވެރިން މިހާރު ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތައް ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވާލާފައިވެ އެވެ. އަދި "އިންތިގާލީ މަޖިލިސް"ގެ ހަނގުރާމަވެރިން ހިންގާ މިފަދަ ކަންކަމުން ހޫޘީންނާ ދެކޮޅަށް އެކުލަވާލާފައިވާ އަރަބި ކޯލިޝަން ރޫޅިގެން ދިޔުމުގެ ބިރު އެބައޮތްކަމަށާ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ވެސް ޔޫއޭއީގެ ސަރުކާރުން ކަމަށް ބުނެފައިވެ އެވެ.

"އިންތިގާލީ މަޖިލިސް"ގެ ހަނގުރާމަވެރިން އަދަން އަށް އަތްގަދަކޮށް އެސިޓީން ހާދީގެ ސަރުކާރު ބޭރުކޮށްލި މައްސަލަ ހައްލުކުރުމަށް ޓަކައި "އިންތިގާލީ މަޖިލިސް"ގެ ވެރިންނާ މަޝްވަރާ ކުރާނީ ވެސް އަދަން އިން ފޭބުމަށް ޔޫއޭއީގެ ތާއީދުލިބޭ އިންތިގާލީ މަޖިލީހުން އުސޫލެއްގެ ގޮތުން އެއްބަސްވުމުން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ސައޫދީ ސަރުކާރުގެ ބާރުއެޅުމާ އެކު "އިންތިގާލީ މަޖިލިސް"ގެ ސިޔާސީ ވެރިޔާ އީދުރޫސް އައްޒުބައިދީ އާއި އެ ޖަމާއަތުގެ އަސްކަރީ ކޮމާންޑަރު ހާދީ ބިން ބްރޭކް ވަނީ ހާދީގެ ސަރުކާރާ ވަހަކަ ދެއްކުމަށް ޓަކައި ސައޫދީ ވެރިރަށް ރިޔާޒަށް ރޭ ވަޑައިގެންފަ އެވެ.

ޔަމަންގެ ރައީސް ހާދީ އާއި އޭނާގެ ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ތިއްބަވަނީ ސައޫދީގެ ކޮންޓްރޯލްގެ ދަށުގައި ސައޫދީ ވެރިރަށް ރިޔާޒްގެ ހޮޓަލެއްގަ އެވެ. ޔޫއޭއީން ވަނީ "އިންތިގާލީ މަޖިލިސް"ގެ ހަނގުރާމަވެރިން، އަދަން އަށް ވެރިވެގަނެ ރައީސް ހާދީގެ ސަރުކާރާއި ހާދީއަށް ވަފާތެރި ސިފައިން އެރަށުން ފައްސާލި މައްސަލައަކީ ބޮޑު ކަމެއް ނޫން ކަމަށާ އަދި އެއީ އަރަބި ކޯލިޝަން ބައިބައިވާވަރުގެ ކަމެއްނޫންކަމަށް ބުނެފަ އެވެ. މިމައްސަލާގައި ސައޫދީގެ މާބޮޑު ބަހެއްނެތެވެ.

ޔަމަންގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނަކީ ޔަމަންގެ ވެރިކަމަށް އަތްގަދަކޮށްގެން ވެރިރަށް ސަންއާގައި މިހާރު ވެރިކަންކުރާ ހޫޘީން ބަލިކޮށް ޔަމަންގެ ގާނޫނީ ސަރުކާރު ކަމަށްވާ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަލުން ޔަމަންގެ ވެރިކަމަށް ރުޖޫއަކުރުމުގެ ނަމުގައި 2015 ވަނަ އަހަރު ސައޫދީ އާއި ޔޫއޭއީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ.

އެކޯލިޝަނުން ޔަމަންގައި ކުރާ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާ އިރު ހޫޘީން ބަލިކޮށް ހާދީގެ ވެރިކަން އަލުން އަނބުރައި އިއާދަ ކުރެވިފައިނުވާއިރު ކޯލިޝަނުގެ ތެރެއިން ފެންނަމުންދަނީ ބައިބައިވުމާއި އެއްބައެއްގެ މަސްލަހަތު އަނެއް ބަޔައާ ތަފާތުވާ މައްސަލަތަކެވެ.

ޔަމަންގައި ވަކިވެގަތުމަށް މަސައްކަތްކުރާ "އިންތިގާލީ މަޖިލިސް" އަކީ ވެސް ހޫޘީންނާ އިދިކޮޅަށް ހަނގުރާމަކުރާ އަރަބި ކޯލިޝަންގެ ބައެކެވެ. "އިންތިގާލީ މަޖިލިސް" ސިޔާސީ ވެރިޔާ އީދުރޫސް އައްޒުބައިދީ އަކީ ހާދީގެ ސަރުކާރުގެ ކުރީގެ ވަޒީރެކެވެ. އެޖަމާއަތުގެ އަސްކަރީ ގޮފީގެ ކޮމާންޑަރު ހާނީ ބިން ބްރޭކް އަކީ ވެސް ހާދީގެ ސަރުކާރުގެ ކުރީގެ ދައުލަތުގެ ވަޒީރެކެވެ. ހާދީ އެދެބޭފުޅުން މިދިޔަ އަހަރު މަގާމުން ވަކިކުރެއްވީ ޔޫއޭއީ އާ ގުޅިގެން ޔަމަންގެ ދެކުނުގައި ވަކިދައުލަތެއް އުފައްދަން މަސައްކަތްކުރާ މައްސަލާގަ އެވެ.

ހާދީގެ ސަރުކާރުން މީގެކުރިން ވެސް ވަނީ ޔޫއޭއީގެ ތާއީދު ލިބިފައިވާ ޔަމަންގެ "އިންތިގާލީ މަޖިލިސް" އާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ. ހާދީގެ ސަރުކާރުން ފުރަތަމަ ނެރުނު ބަޔާނުގައި ޔޫއޭއީގެ މަދަދުލިބޭ "އިންތިގާލީ މަޖިލިސް" އަކީ ހޫޘީ ޖަމާއަތެކޭ އެއްގޮތަށް ޔަމަންގެ ޝަރުއީ ސަރުކާރު ފޮރޮޅާލައި އެސަރުކާރުގެ މައްޗަށް އިންގިލާބު ގެނަސް ޔަމަންގެ ވެރިކަމަށް އަތްގަދަކުރަން މަސައްކަތްކުރާ ޖަމާއަތެއް ކަމަށް ސިފަކޮށްފައިވެ އެވެ. ނަމަވެސް ހާދީގެ ސަރުކާރަށް ވާގިވެރިވާ ސައޫދީ ސަރުކާރު ވެސް މިއިން އެއްވެސް ކަމަކަށް އަޅާލާފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް