ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނުން މައްޗަށް

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މި މަހުގެ ދެވަނަ ދުވަހު ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. މި އަހަރަށް ކަނޑައަޅާފައިވާ، 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓު ނޮވެމްބަރު 17ގެ ނިޔަލަށް ހާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމުކުރި ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ހުސްވި ޖުލައި މަހު 132،144 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު އަށް ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް 994،733 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ އަހަރާ އަޅާބަލާ އިރު މިއީ 17.2 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ. ދެވަނަ އަށް އިންޑިއާ ހިމެނޭއިރު މި ލިސްޓުގެ ތިންވަނާގައި ހިމެނެނީ އިޓަލީ އެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމުގެ ތެރޭ ދެން ހިމެނެނީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި 49،095 ޓޫރިސްޓު އެނދު ވަނީ ރެޖިސްޓްރީކޮށްފަ އެވެ. މީގެ ތެރެއިން އެވްރެޖުކޮށް 45،983 އެނދު އޮޕަރޭޓްކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

މި މުއްދަތުގެ ތެރޭގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މިންވަރު އެވްރެޖުކޮށް 13 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. މި މުއްދަތުގައި ޓޫރިސްޓުން ރާއްޖޭގައި 6.3 ދުވަސް އެވްރެޖުކޮށް ހޭދަކޮށްފައިވެ އެވެ.

comment ކޮމެންޓް