ސުޕަ ކޮމިޓީ މައްސަލައިގައި ރައީސް ނަޝީދު އަމާން ދެއްވައިފި

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފައިލް ފޮޓޯ/ މަޖިލިސް

މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ނަމަވެސް މަޖިލީހުގެ ތެރެއިން ދެން އެކަން ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް ވުރެ، މާފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އެ އިސްލާހަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ތާއީދެއް ނުލިބުނެވެ.

މިއަދު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާ އެއްކޮށް ކޮންމެ ހަފްތާއަކު ބައްދަލުވުމެއް ބާއްވާ ކަމަށާއި، މުޅި މަޖިލިސް ޝާމިލުވާ ކޮމިޓީ އަކުން މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް މުގައްރިރުންގެ ފަރާތުން ލަފާ ލިބިވަޑައިގެން ކަމަށެވެ.

"އަޅުގަނޑަށް މިދެންނެވި ހުރިހާ މުގައްރިރުންގެ ފަރާތުން ލިބުނު ލަފަޔަކީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ހިންގުން ބުއްދިވެރިއޭ ބޭނުންތެރިއޭ. އެއީ މަޖިލީހުގެ އެއް ކޮމިޓީއެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ ކަމެއްގެ ބަދަލުގައި މުޅި މަޖިލިސް އޭގައި ޝާމިލުވުމުގެ ބޭނުންތެރިކަން ބޮޑު ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން މަޖިލީހުގެ ނިޒާމަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ވާއިރު، އެފަދަ ކަންކަމުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ދައުރެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެކަމާ ގުޅިގެން ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާ ވެސް މަޝްވަރާ ކުރެއްވި ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް އެފަދަ އިސްލާހެއް ގެނެވޭނީ އެބޭފުޅުން ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ތާއީދު ލިބިގެން ކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އެހެންކަމުން އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރިން. އެހެން ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މިފަދަ ކޮމިޓީއެއް އޮތުން އެއީ މުހިންމު ކަމެއް ކަމުގައި ނުފެނުނު. އެހެންކަމުން މި ދެންނެވި އިސްލާހު ގެނައުމަކީ މިވަގުތު މަޖިލީހަށް ކުރެވެން އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސުޕަ ކޮމިޓީއެއް އުފެއްދި ނަމަވެސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ކުރާ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ސުޕަ ކޮމިޓީ އުފެއްދުމުގެ މަގްސަދަކީ ހުރިހާ ކޮމިޓީއެއްގެ މުގައްރިރުންނާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ކޮމިޓީއަކުން ވެސް މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ކަންކަން އިތުރަށް ބެލުމަށްފަހު، މުޅި މަޖްލިސް ޝާމިލްވާ ގޮތަށް އެކަމާ ވިސްނުމަށްފަހު މަޖިލީހުގެ ތަޅުމަށް އެ މަސައްކަތް ގެންދިއުން ކަމަށެވެ.

ދައުލަތް ހިންގާނީ މިނިވަން މުސްތަގިއްލު މުއައްސަސާތައް މެދުވެރިވެގެން ކަމަށާއި އެހެންކަމުން ކޮމިޓީތަކުން މާކްސް ދިނުމުގައި އަމަލު ކުރަން ޖެހޭ ސާފު އިޖުރާއަތުތަކެއް އޮންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ނަޒާހަތްތްތެރިކަން ދެމެހެއްޓުމަކީ މަޖިލިސް ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދަށް ގެންނަޖެހޭ ބަދަލުތައް އަވަހަށް ގެނައުމާއި އާ ގަވާއިދަށް އަމަލު ކުރަން ފެށުމަކީ މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވި އެވެ.

comment ކޮމެންޓް