މަޖިލިސް މެމްބަރުންގެ ކެއުމާއި ސަޔަށް މަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން -- ސަން ފޮޓޯ/ އަހުުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކެއުމާއި ސަޔަށް މަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.

މަޖިލީހުގެ ކޮއްތަށް ހަރަދުވާ މިންވަރު ސާފުކޮށްދިނުމަށް އެދި މަޖިލީހުގެ އިދާރާއަށް އާންމު ފަރާތަކުން ސިޓީއެއް ފޮނުވާފައިވާ ކަން ސަމާލުކަމަށް ގެންނަވަމުން، ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ކޮއްތަށް، ކޮންމެ މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވާ ކަމަށެވެ.

"އެއީ މިތަނުގައި ބައްދަލުވުން ހިނގާ ކޮންމެ ދުވަހަކަށް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސް، މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، މެމްބަރުންގެ ކޮއްތަށް ދުވާލަކު 13،909.56 ރުފިޔާ ހަރަދު ވާނެ އެވެ.

އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ހަފްތާ އަކު ތިން ދުވަހު އެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. އެހެންކަމުން މަހަކު 12 ޖަލްސާ ބާއްވާނަމަ، މަޖިލިސް މެމްބަރުންގެ ކެއުމަށް މަހެއްގެ މައްޗަށް މަދުވެގެން 166،914.72 ރުފިޔާ ހަރަދު ވާނެއެވެ.

ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުންގެ ކޮއްތުން ބައެއް، މަޖިލީހުގެ މުވައްޒަފުންނަށް ވެސް ދެއްވާ ކަމަށާއި، އެހެންކަމުން އެ އަގަށް ލިބެންވާ ކޮއްތުގެ ކުޑަ މިންވަރެއް މަޖިލިސް މެމްބަރުންނަށް "މަދު" ވާނެ ކަމަށެވެ.

"އަޅުގަނޑު ހިތުން ތިބޭފުޅުންގެ އެތިކޮޅެއް އެބަ އަރުވަން ކަންނޭނގެ މިތަނުގެ މުވައްޒަފުންނަށް ވެސް. އެހެންވީމަ ތިބޭފުޅުންގެ 159 ރުފިޔާ 88 ލާރީގެ އިތުރުން އެ މިންވަރަކަށް ކޮއްތެއް ތިބޭފުޅުންނަކަށް ހަގީގަތުގައި ލިބިވަޑައެއް ނުގަންނަވާ. އޭގެން ކުޑަ މިންވަރެއް ތިބޭފުޅުންނަށް މަދުވެފައި ލިބެމުން މި އަންނަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ކޮއްތު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް، މެމްބަރުންނަށް ނުވަތަ ރާއްޖޭގެ ރައްޔިތުންނަށް ވެސް ފެންނަ ނަމަ، އެކަމަށް ވެސް މަޖިލީހުގެ ތެރެއިން ހައްލު ހޯދި ދާނެ ކަމަށެވެ.

ނަމަވެސް ގާނޫނު ހަދާ މަޖިލީހެއް އުފެދިގެން އައުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ބޮޑުން އެކުގައި ސައި ބުއިން ކަމަށާއި، އެއީ ތާރީހުން ފެންނަން އޮތް ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މިއަދު މަޖިލީހަށް ލިބުނު ސިޓީއާ ގުޅިގެން 1932 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި ސައިގެ ކަންތައް ކުރިއަށް ދާގޮތް އެމަނިކުފާނު ބެއްލެވި ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިތަނުގައި ހުންނަ ފޮޓޯތަކުގައި ވެސް، ކުރީގެ މަޖިލިސް ރައީސް އޮނަރަބަލް އިބްރާހީމް މުހައްމަދު ޝިހާބު އިންނަވާ މޭޒުކޮޅާ އެކުގައި އަދި އެހެން މެމްބަރުންނާ އެކުގައި ވެސް އިންނަވާ އިރުގައި ސައިފޮދު ހިއްޕަވަމުން ގެންދަވާނީ. އަދި މިތަނުގެ އެހެން ކޮންމެ ރަސްމިއްޔާތެއްގައި ވެސް ކެއުމާއި ސައި ސާފުކޮށްދެމުން ގެންދޭ،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސައިފޮދާއި ފަރިއްކޮޅުގެ ކަންކަން ކުރިއަށް ގެންދަނީ ބިޑް އުސޫލުން އިއުލާންކޮށްގެން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެންނެވެ. އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލިސް މެންބަރުންނަށް ހިލޭ ކެއުމާއި ސައި ދޭތީ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑު ކިޔަމުން އެވެ. އަދި އެއީ ބޭކާރު ހަރަދެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

comment ކޮމެންޓް