ޖަނާގެ ބަދަލުގައި ވޭޖް ބޯޑަށް އައްޔަން ކުރީ އަދުނާން ހަލީމް

މިނިމަމް ވޭޖް ބޯޑަށް އައްޔަން ކުރި އަދުނާން ހަލީމް

މިނިމަމް ވޭޖް ބޯޑުން އިސްތިއުފާ ދެއްވި މުހައްމަދު އަލީ ޖަނާހުގެ ބަދަލުގައި އެ ބޯޑަށް ނޭޝަނަލް ފެޑްރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް ގެ ސެކެޓްރީ ޖެނެރަލް، އަދުނާން ހަލީމް އައްޔަންކޮށްފި އެވެ.

ޝޯޝަލް މީޑިއާއިން އައި ފާޑުކިޔުންތަކާއެކު، މިނިމިމަމް ވޭޖް ބޯޑު ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ ބޯޑުތަކުން ޖަނާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.

މިނިމަމް ވޭޖް ބޯޑަށް އަދުނާން އައްޔަން ކޮށްފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ސެކެޓްރީ ޖެނެރަލްކަން ވެސް ކުރައްވަމުން ގެންދަވާން އަދުނާން ހަލީމް މިނިމަމް ވޭޖް ބޯޑް މެމްބަރުކަމަށް އައްޔަން ކުރި ސިޓީގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފަ އެވެ. އަދި އަދުނާން ހަލީމް ވެސް އެކަން ޔަގީންކޮށްދެއްވި އެވެ.

ފަނަރަ އަދި 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގެންނެވި އަދުނާން ވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކު އެކި މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑީނޭޓަރު ކަމުގެ މަގާމު އޭނާ ވަނީ ފުރުއްވާފަ އެވެ.

އަދުނާން އައްޔަން ކުރި މިނިމަމް ވޭޖް ބޯޑަކީ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަން ލާޒިމް ކުރާ ބޯޑެކެވެ. އެ ގާނޫނުގައި ބުނެފައިވަނީ، އެކިއެކި ވިޔަފާރިކުރާ ތަންތަނާއި އެނޫންވެސް މަސައްކަތްތައް ކުރާ ތަންތަނު ގައި މުވައްޒަފުން މަސައްކަތް ކުރަމުން ދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް އޮންވާނެ ކަމަށެވެ.

އެ ބޯޑު އެކުލަވާލައިފައިވަނީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ މެއި މަހު އެއް ވަނަ ދުވަހު އެވެ. އެ ބޯޑުގެ މަސައްކަތްތައް އަންނަ ޑިސެމްބަރަށް ނިމި، ކުޑަ އުޖޫރައާ ގުޅޭ ގޮތުން އިކޮނިމިކް މިނިސްޓަރަށް ލަފާ އެރުވޭނެ އެ މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް