10 އަހަރަށް ފަހު ކަނދޮޅުދޫ މީހުން ދުވާފަރުގައި ރަޖިސްޓްރީ ކޮށްދޭން ފަށައިފި

ރ. ދުވާފަރު--- ފޮޓޯ: އުނގޫފާރުއޮންލައިން

ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ރ. ކަނދޮޅުދޫގެ ރައްޔިތުންނަށް އެ އަތޮޅު ދުވާފަރުގައި އިމާރާތް ކޮށްދިން ގެތަކުގައި ރަޖިސްޓްރީ ކޮށްދޭނެ ގޮތުގެ އުސޫލު އާންމުކޮށް އެ މީހުން ރަޖިސްޓްރީ ހަދައިދޭން ފަށައިފި އެވެ.

ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުކޮށް އެ މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫއުގެ ދަށުން 676 ގެއެއް ވަނީ އިމާރާތް ކޮށްފަ އެވެ.

ނަމަވެސް 2009 ވަނަ އަހަރު މަގުމަތިވެފައިވާ ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުވެ، އެ ގެތަކުގައި އެ މީހުންގެ ދިރިއުޅުން އާރާސްތު ކުރި ފަހުން އެތައް އަހަރެއް ވެފައި ވާއިރުވެސް، ހުރިހާ ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ދާއިމީ ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދީފައެއް ނުވެ އެވެ.

ދުވާފަރުގައި މިހާރު ވެސް ވިހާ ކުދިން ރަޖިސްޓްރީ ކުރަން ޖެހެނީ މިހާރު ފަޅުކޮށް އޮތް ވީރާނާވެފައިވާ ކަނދޮޅުދޫގަ އެވެ. އެކަން ވެފައި އޮތީ އެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށެވެ. އެހެންކަމުން ދުވާފަރުން ރަށްވެހިކަން ހޯދައި ދިނުމަށް މީގެ ކުރިން އެ ރަށު ކައުންސިލުން ވެސް ވަނީ އެދިފަ އެވެ.

އިއްޔެ އާންމު ކުރި އުސޫލާ އެކު ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަޖިސްޓަރީ ހަދައިދިނުމުގެ މަސައްކަތް އަލުން ފަށައި، ރަޖިސްޓަރީ ނުކޮށްހުރި ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމުގައި އަމަލު ކުރާނެ އިޖުރާއަތުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ދުވާފަރު ކައުންސިލުން ބުނީ ދުވާފަރުން ދޫކޮށްފައިވާ ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމުގައި އަސްލަކަށް ބަލާނީ ދުވާފަރުގެ ގެތަކުގެ ވަގުތީ ރަޖިސްޓަރީގެ ގޮތުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅައިފައިވާ ލިސްޓުގެ މައްޗަށް އެކުލަވައިލައި ދައުލަތުގެ ކަމާ ގުޅޭ އިދާރާއިން ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީއަށް ކަމަށެވެ.

އެ ލިސްޓުގައި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ކަނދޮޅުދޫ މީހުންގެ އަނބިންނާއި ފިރިންގެ ގޮތުގައި އެހެން ރަށް ރަށުގެ ރަށްވެހިން ވެސް ރަޖިސްޓަރީ ވެފައިވެ އެވެ.

ނަމަވެސް ދުވާފަރަށް ބަދަލުވުމަށްފަހު ކަނދޮޅުދޫ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެ ފަރާތްތަކަށް ވަގުތީ ރަޖިސްޓަރީގައި ދީފައިވާ އެއް މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ކަނދޮޅުދޫ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައި ނުވާ ނަމަ، އަދި ދުވާފަރުން ލިބުނު ގޭގައި މިހާރު ދިރިއުޅޭ މީހެއް ކަމުގައި ނުވާނަމަ، ދާއިމީ ރަޖިސްޓްރީ ހަދައިދޭ އިރު، ވަރިވެފައިވާ އަނބިންނާއި ފިރިން އެ ލިސްޓުން އުނި ކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

ނަމަވެސް އެ ފަރާތަކީ އެ ގެއެއްގެ ވަގުތީ ރަޖިސްޓަރީގައި ހިމެނޭ ކަނދޮޅުދޫ ރައްޔިތަކާ ކައިވެނިކޮށް ދަރިންލިބި، އެ ދަރިންނާއެކު ދުވާފަރުން ލިބިފައިވާ ގޭގައި މިހާރު ވެސް ދިރިއުޅޭ ފަރާތެއް ކަމުގައިވާ ނަމަ އެފަރާތެއް ލިސްޓުން އުނިކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ.

ދުވާފަރުން ލިބުނު ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް އެދޭ ކަނދޮޅުދޫ ރައްޔިތުން، މި އުސޫލަށް އަމަލުކުރަން ފަށާތާ އެއް އަހަރުދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެދުމަށް ދުވާފަރު ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

ދުވާފަރު ކައުންސިލުން ބުނީ މި އުސޫލަށް އަމަލު ކުރަން ފެށުމުގެ ކުރިން ހަދައިދީފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީތައް ދެމި އޮންނާނެ ކަމަށާއި، އެއްވެސް ޝަރުއީ ކޯޓަކުން ރަޖިސްޓްރީއެއް ބާތިލް ކޮށްފައި ވާނަމަ އަލުން އެ ރަޖިސްޓަރީއެއް ހަދައިދޭނީ ކޯޓުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ކަމަށެވެ.

ދުވާފަރުގެ ރައްޔިތުންނަށް ރަށްވެހިކަން ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ވަނީ ކަނދޮޅުދޫއިން ދުވާފަރަށް ބަދަލުވި ރައްޔިތުންނަށާއި އަލަށް އުފަންވާ ކުދިންނަށް ވެސް ދުވާފަރުގެ ރަށް ވެހިކަން ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް