ގޭގައި ޑްރަގް ވިއްކަމުން ދިޔަ އަންހެނަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ އޮޕަރޭޝަނެއް --- ފޮޓޯ ފުލުހުން

ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ވިއްކަމުން ދިޔަ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން އިއްޔެ މެންދުރު 12:45 ހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ އަންހެނެއް ކަމަށެވެ.

އެމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ބުލެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފުއްޕާ ހަމަކާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން ހަތް ރަބަރު ޕެކެޓު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ބިޑި އެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މިތަކެތީގެ ތެރޭގައި 75 ގްރާމް ހެރޮއިން އާއި 17 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ވަގުތީ ބަރުދަން ދައްކާކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް