ބްރެކްސިޓްގެ އެއްބަސްވުމާމެދު ޔޫރަޕްގެ ވިސްނުން ބަދަލުކުރުމަށް ޖޯންސަން ގޮވާލައްވައިފި

ބޮރިސް ޖޯންސަން

ލަންޑަން (އޮގަސްޓް 20) އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމާބެހޭގޮތުން އައު އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ވާހަކަތައް އަވަހަށް ފެށުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، ޔޫރަޕްގެ އިއްތިހާދަށް ގޮވާލައްވައިފިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޯންސަން ވިދާޅުވީ، ބޭނުންވަނީ ބްރެކްސިޓްގައި އިނގިރޭސިވިލާތަށް ލިބެންޖެހޭ ހައްގުތައް ފުރިހަމަ ކުރުމަށްޓަކައި އައު އެއްބަސްވުމެއް އެކުލަވާލުން ކަމަށާ ވަގުތުނެތުމުން އެކަން އަވަސްކުރަން ބޭނުން ކަމުގައެވެ. މިހާރު އޮތް އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓުން ތިންފަހަރު ދެކޮޅު ހަދާފައިވާތީ އެއެއްބަސްވުން ގަބޫލުނުކުރެވޭނެ ކަމަށްވެސް ޖޯންސަން ވިދާޅުވިއެވެ.

މިހާރުއޮތް އެއްބަސްވުން އެކުލާވާލުމުގައި އިސް ދައުރެއް އަދާ ކުރެއްވީ އިނގިރޭސި ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ އެވެ. ތެރީސާގެ ސަރުކާރު ވެއްޓިގެންދިޔައީވެސް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލުމުގެ ސަބަބުންނެވެ.

ކަނާތު ފިޔައިގެ ޕޮޕިއުލިސްޓް ފިކުރުގެ ބޮރިސް ޖޯންސަން އަކީ ކޮންމެ އަގެއް ދައްކަން ޖެހުނުނަމަވެސް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވާން ތާއީދުކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ޖޯންސަން ވަނީ އައު އެއްބަސްވުމެއް އެކުލަވާލުމުގެ ފުރްސަތު ޔޫރަޕުން ނުދީފިނަމަ އަންނަ އޮކްޓޯބަރުގެ މަހުގެ 31 ވަނަ ދުވަހު އެއްބަސްވުމަކާ ނުލައިވެސް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވާނެކަމަށް އެތަށްފަހަރަކު ވިދާޅުވެފައެވެ.

ނަމަވެސް އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވެއްޖެނަމަ އިނގިރޭސި އިގްތިސާދު ކުއްލިގޮތަކަށް ދަށަށްގޮސް ވަރަށް ގިނަ ބާވަތްތަކުގެ އަސާސީ ތަކެތީގެ ދަތިކަން އިނގިރޭސިވިލާތަށް ފޯރުމަކީ ވަރަށްގަތްކަމެއް ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

ބްރެކްސިޓްގެ މައްސަލާގައި އައު އެއްބަސްވުމެއް އެކުލަވާލުމަށް ޔޫރަޕްގެ ބޮޑު ދެބާރު ކަމަށްވާ ފަރަންސޭސިވިލާތާ ޖަރުމަނަށް ބާރުއެޅުއްވުމުގެ ގޮތުން އެދެގައުމަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފެއްޓެވުމަށް ޖޯންސަންވަނީ ނިންމަވާފައެވެ. މިއީ ބޮޑުވަޒީރުކަން ލިބުމަށްފަހު ޖޯންސަން ބޭރުގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޖޯންސަން މިއަދު ވަނީ އައު އެއްބަސްވުމަކާ ދެކޮޅަށް ފަރަންސޭސިވިލާތާ ޖަރުމަނުން ގެންގުޅޭ ވިސްނުން ބަދަލުކުރުމަށް އެދެގައުމުގެ ވެރިންނަށް ގޮވާލައްވާފައެވެ.

މާދަމާ، ޖޯންސަން ފަރަންސޭސި ރައީސް އެމެނުއަލް މެކްރޯންއާ ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާރކެލް އާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު ޖޯންސަން ވަނީ ބްރެކްސިޓްގެ މައްސަލާގައި ހުރިހާ ފަރާތަކަށް ވެސް ފައިދާވާނެ ގޮތެއް ހޯދުމަށް އެދެބޭފުޅުންގެ ވިސްނުން ބަދަލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް