އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ ބޯޑުން ދޭ ލަފައަަށްފަހު ގާނޫނަކުން: ހޫދު

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު: އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ، ބޯޑުން ދޭ ލަފައަަށްފަހު، ގާނޫނުން ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ، މިނިމަމް ވޭޖް ބޯޑުން ދޭ ލަފައަށްފަހު، ގާނޫނަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މެއި މަހު އެއްވަނަ ދުވަހު، މަސައްކަތްތެރިންގެ ދުވަހުގައި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް "މިނިމަމް ވޭޖް ބޯޑު" ނުވަތަ "މުސާރައާ ކުޑަ އުޖޫރަ އާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑު" ރައީސް ސޯލިހް އެކުލަވާލިއެވެ.

ރައީސް ސޯލިހްގެ ތަރުޖަމާނު، ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭނެ ދުވަހެއް އަދި ސީދާ ދަންނަވާކަށް ނޭނގޭ ކަމަށާއި ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ބޯޑުން ދޭ ލަފާގެ މަތިން ގާނޫނަކުން ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށެވެ.

"ކުޑަ އުޖޫރަ ކަނޑައަޅާނީ ގާނޫނުން. ގާނޫނު ހަދާނީ، ބޯޑުން ދޭ ލަފައަށް ރިއާޔަތްކޮށްފައި،" ހޫދު ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަށަވަރުކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯ "އެޖެންޑާ19" ގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިިދިޔަ ޖޫން މަހު ބަންޑަރަ ނައިބު އޮފީހުން އާންމުކުރި ސަރުކާރުގެ ފަސް އަހަރު ދުވަހު ލެޖިސްލޭޓިވް އެޖެންޑާ ގައި ހިމެނޭ 201 ބިލުގެ ތެރޭގައި މިނިމަމް ވޭޖަށް ހާއްސަ ބިލެއް ނުހިމެނެއެވެ. ނަމަވެސް ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ނަމުގައި ބިލެއް ވަނީ ހިމަނާފައެވެ.

ލެޖިސްލޭޓިވް އެޖެންޑާ އާންމުކުުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައިވަނީ، އަހަރުން އަހަރަށް ލެޖިސްލޭޓިވް އެޖެންޑާ އަށް ބަދަލު އަންނާނެ ކަމަށެވެ.

ބޯޑުން ދޭ ލަފައަކަށް ގާނޫނު ކުޑަ އުޖޫރަ ކަނޑައަޅާނެ ކަމަށް ހޫދު ވިދާޅުވިއިރު، މިއަދު އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މިނިމަމްވޭޖް ބޯޑުގެ އަމާޒަކީ މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވުން ކަމަށެވެ. މިހާރު ބޯޑުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ، ސަރުކާރުގެ އެކި މުއައްސަސާތަކާއި އެހިނިހެން ފަރާތަކުން ލިބެން ހުރި މައުލޫމަތު ހޯދައި، ކަމާ ގުޅުން ހުރި ފަރާތްތަކާއި ތަފާތު ސިނާއަތްތަކުގެ މުވައްޒިފުން އަދި ވަޒީފާ ދޭ ފަރާތްތަކާ ބައްދަލުކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ހުރިހާ މައުލޫމަތުތައް އެއްކުރުމަށް ފަހު، "އެންޓާޕްރައިޒް ސާވޭ" އެއް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްްޓްރީން ބުނެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް ސޯލިހް ތަކުރާރުކޮށްވި ވީ އެއް ވައުދެކެވެ.

comment ކޮމެންޓް