އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ލަފާ ދިނުން ޑިސެމްބަރަށް

ރައީސް ސޯލިހާއި މިނިސްޓަރު ފައްޔާޒު: މިނިވަންވޭޖް ކަނޑައެޅުމަށް ލަފާ ދިނުން މިއަހަރުގެ ނިޔަލަށް -- ފޮޓޯ/ ރައީސް އޮފީސް

މިނިމަމްވޭޖް ބޯޑުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ލަފައެއް ދިނުން ކަަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ މެއި މަހު އެއްވަނަ ދުވަހު، މަސައްކަތްތެރިންގެ ދުވަހުގައި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް "މިނިމަމް ވޭޖް ބޯޑު" ނުވަތަ "މުސާރައާ ކުޑަ އުޖޫރަ އާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑު" ރައީސް ސޯލިހް އެކުލަވާލިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ބޯޑު އުފެއްދިތާ ތިން މަހަށް ފަހު، އެ ބޯޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ، ރާއްޖޭގައި މިހާތަނަށް އަލަށް ތައާރަފް ކުރެވޭ ކަމަކަށް ވުމުން ކުޑަ މިނުން ދެވޭނެ މުސާރައެއް ކަނޑައެޅުމަށްޓަކައި ބޭނުންވާ މައުލޫމަތު އެއްކޮށް، ދިރާސާތައް ހެދުމަކީ މުހިންމު ކަމެއް ކަމުގައި އެ ބޯޑުން ދެކޭ ކަމަށެވެ. މިހާރު ބޯޑުގެ މަސައްކަތް ކުރުމަށް ރޯޑް މެޕެއް އެކުލަަވާލައި، އެއާ އެއްގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށް އެ ބަޔާނުގައިވެއެވެ.

"މި ބޯޑުގެ ލަނޑުދަނޑިއަކީ، ރާއްޖޭގައި މައްސަކަތް ކުރާ ފަރާތްތަކަށް އެންމެ ކުޑަ މިނުން ދެވޭނެ މުސާރަޔާ އުޖޫރަ ކަނޑައެޅުމުގެ މައްސަކަތް 2019 ޑިސެމްބަރުގެ ނިޔަލަށް ނިންމައި މިކަމާ ގުޅޭ ގޮތުން މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އެރުވުން،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންނެވެ.

އެ ބަޔާނުގައި ބުނީ، ބޯޑުގެ މަސައްކަތައް ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމްއިއްޔާއެއް ކަމަށްވާ، އިންޓަނޭޝަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އެހީއާ ލަފާ ހޯދަމުން އަންނަ ކަމަށެވެ.

މިހާރު ބޯޑުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ، ސަރުކާރުގެ އެކި މުއައްސަސާތަކާއި އެހިނިހެން ފަރާތަކުން ލިބެން ހުރި މައުލޫމަތު ހޯދައި، ކަމާ ގުޅުން ހުރި ފަރާތްތަކާއި ތަފާތު ސިނާއަތްތަކުގެ މުވައްޒިފުން އަދި ވަޒީފާ ދޭ ފަރާތްތަކާ ބައްދަލުކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ހުރިހާ މައުލޫމަތުތައް އެއްކުރުމަށް ފަހު، "އެންޓާޕްރައިޒް ސާވޭ" އެއް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްްޓްރީން ބުނެއެވެ.

މިނިމަމް ވޭޖް ބޯޑުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން:

  1. މަރިޔަމް ޚާލިދާ / ގ. ސިލްވަރުގެ - ޗެއާމަން
  2. އިބްރާހިމް ނޫރައްދީން / މއ. މާންދޫ
  3. އަލީ އާދަމް / ޗާންދަނީގެ، ހއ. ހޯރަފުށި
  4. މަައުރޫފް ޒާކިރު / ދާއިރާ، ބ. ކެންދޫ
  5. އަދުނާން ހަލީމް، އޭޝް، ގއ. ވިލިނގިލި

މިނިމަމްވޭޖް ބޯޑަކީ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަން ލާޒިމް ކުރާ ބޯޑެކެވެ. އެ ގާނޫނުގައި ބުނެފައިވަނީ، އެކިއެކި ވިޔަފާރިކުރާ ތަންތަނާއި އެނޫންވެސް މަސައްކަތްތައް ކުރާ ތަންތަނު ގައި މުވައްޒަފުން މަސައްކަތް ކުރަމުން ދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް އޮންވާނެ ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާ ކުރުމަށްފަހު، ވަކި މަސައްކަތަކާ ގުޅޭގޮތުން ދޭވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ގޮތުން، ނުވަތަ ބަދަލު ކުރުމުގެ ގޮތުން ނުވަތަ ބާތިލު ކުރުމުގެގޮތުން، އިކޮނޮމިކް މިނިސްޓަރަށް އަމުރު ނެރުނުމުގެ ބާރު އޮވެ އެވެ.

އެއަމުރުގެ ދަށުން މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެ ކަމަށް ގަނޫނުގައި ވަނީ ބުނެފަ އެވެ.

މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމަށް މަދުވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން އެކަން މުރާޖައާ ކުރަންވާނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް