އައިޔޫއެމްގެ ޗާންސެލަރަކަށް ޑރ. ޒާހިރު، އެމްއެންޔޫއަށް ޑރ. ހަސަން

ޒާޙިރު ހުސައިން އާއި ހަސަން ހަމީދު (ކ-ވ) މިއަދު ރައީސް އޮފީހުގައި -- ފޮޓޯ/ ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޗާންސެލަރު ކަމަށް ޑރ. މުހަންމަދު ޒާހިރު ހުސެއިން، އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު މިއަދު ހަމަޖައްސަވައިފި އެވެ.

މި ދެބޭފުޅުންގެ މާގާމުގެ ފަތްކޮޅު އެރުވީ މިއަދު ރަައީސް އޮފީހުގައި ބޭއްވި ރަސްމިޔާތެއްގަ އެވެ.

ޒާހިރަކީ އިސްލާމިކް ޔުނިވާސިޓީގެ އެންމެ ފުރަތަމަ ޗާންސެލަރެވެ. އޭނާ ވަނީ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުކަމުގެ އިތުރުން ދައުލަތުގެ އެކިއެކި އިސް މަގާމުތައް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފަ އެވެ. ޒާހިރު ހުސައިން އެންމެފަހުން އަދާކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރުކަމުގެ މަގާ މެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް އައްޔަން ކުރެއްވި ޑރ. ހަސަން ހަމީދަކީ މީގެ ކުރިން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަން ފުރުއްވި ބޭފުޅެކެވެ. ގައުމީ ޔުނިވާސިޓީ ވުޖޫދުވުމުގެ ކުރިން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ރެކްޓަރުގެ މަގާމުގެވެސް އޭނާ ވަނީ ފުރުއްވާފަ އެވެ. އޭގެ އިތުރުން ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް އޭނާ ފުރުއްވި އެވެ.

އިސްލާމިކް ޔުނިވަސިޓީ އާއި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ކަމަށް ރައީސް އާ ބޭފުޅުން މި ހަމަޖެއްސެވީ، މިފަހުން ދެ ޔުނިވަސިޓީގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުތަކުގެ ދަށުން އެވެ.

އެ ދެ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ޗާންސެލަރުގެ އިތުރުން، ވައިސް ޗާންސެލާ އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އާ އިސްލާހާއެކު ރައީސް އައްޔަނުކުރައްވަން ޖެހެނީ، އެމްއެންޔޫގެ ޗާންސެލާ އަދި ވައިސް ޗާންސެލާގެ މަގާމު އެކަންޏެވެ. މީގެ ކުރިން ޑެޕިއުޓީ ވައިސް ޗާންސެލާވެސް އައްޔަނުކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އާ އިސްލާހާއެކު ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަނުކުރާނީ ޔުނިވާސިޓީން އެކުލަވާލާ ކައުންސިލުން އެވެ. އަދި އެ ކައުންސިލް އެކުލަވާލެވެންދެން މިހާރު ތިބި ޑެޕިއުޓީ ކައުންސިލްގެ މަގާމު ދެމި އޮންނާނެ އެވެ.

comment ކޮމެންޓް