ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުން ކުދި ވިޔަފާރިތައް ފުނޑޭނެ: މެމްބަރުން

ރައްޔިތުންގެ މަޖިލިސް -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ވިޔަފާރި ރަޖިސްޓްރީ ކުރުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑިގެންދާނެ ކަމަށް ވިދާޅުވެ، ސަރުކާރު މެމްބަރުންނާއި އިދިކޮޅު ގިނަ މެމްބަރުން ވެސް އެ ބިލަށް ފާޑު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ބިލުގައި ވަނީ ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކަމަށެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު އޮންނަނީ ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ޕާޓްނާޝިޕްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

އަދި ބިދޭސީ ވިޔަފާރިއެއްގެ ރައުސްމާލު އެއް މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި އެއް ލައްކަ އެމެރިކާ ޑޮލަރު ޖަމާކުރަން ޖެހެއެވެ.

އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި، ދިވެހި ވިޔަފާރިވެރިން ކުރަމުން އަންނަ ކުދި އަދި އެއްވެސް ބާވަތެއްގެ ރީޓެއިލް ވިޔަފާރިތައް ހިމެނޭ ލިސްޓެއް މިނިސްޓްރީން އާންމުކުރަންވާނެ ކަމަށާއި ބިދޭސީ ވިޔަފާރިއަކަށް ހުއްދަ ދެވޭނީ، މިނިސްޓްރީން އާންމުކުރާ ލިސްޓުގައި ނުހިމެނޭ ވިޔަފާރީގެ ދާއިރާތަކުން ކަމަށް ގަވާއިދުގައިވެއެވެ.

އެހެން ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ވިޔަފާރީގެ ރައުސްމާލު އެއްމިލިޔަން ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްލައްކަ ޑޮލަރު ބަހައްޓަން ޖެހޭކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މާއްދާ އުވިގެންދާނެއެވެ.

އަދި ބިދޭސީ ވިޔަފާރި ރަޖިސްޓްރީ ކުރަން ލުއި ގޮތްތަކެއް ވެސް އިސްލާހުގެ ދަށުން ލިބިގެންދާނެ އެވެ.

އިއްޔެ ކުރިއަށް ދިޔަ ބަހުސްގައި މާވަށު ދާއިރާގެ މުހައްމަދު ސައީދު ވިދާޅުވީ މި އިސްލާހުގެ ހަވަނަ މާއްދާ ނުރައްކާ ކަމަށެވެ. އަދި ހަވަނަ މާއްދާ މިހާރު ސަރުކާރުން ފޮނުވާފައި އޮތް ގޮތަށް ފާސްކޮށްފި ނަމަ، ދިވެހިރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ބިދޭސީންނަށް ވަނުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

މާވަށު ދާއިރާގެ މެންބަރު ސައީދު --- ފޮޓޯ: މަޖިލިސް

"އެއް މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށުގެ ވިޔަފާރިތަކަށް މިހާރަކު ބިދޭސީންނަކަށް ނުވަދެވޭނެ. އެހެންނަމަވެސް ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް މި ބިލް ފާސްކޮށްފި ނަމަ، އެއް މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށުގެ ހުރިހާ ވިޔަފާރިތަކަކަށް، ބިދޭސީންނަށް، ފޮރިން އިންވެސްޓަރުންނަށް ވަދެވޭނެ" ސައީދު ވިދާޅުވިއެވެ.

ހަމައެއާއެކު، ފޮޓޯގްރަފީ އަކީ ހަމައެކަނި ދިވެހިންނަށް ކުރެވޭ ވިޔަފާރިއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް ކަންމަތީ ފިހާރަތަކުގެ ވިޔަފާރިއަށް ވެސް ބިދޭސީންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އެހެންވީމަ އެއަށް މި އޮތް ގޮތަށް އިސްލާހު ހުށަނޭޅުމަށް އަޅުގަނޑު އެދެން،" ސައީދު ވިދާޅުވިއެވެ.

އިދިކޮޅު މެމްބަރުންގެ އިތުރުން އެމްޑީޕީ މެމްބަރުން ވެސް ވަނީ ބިލުގެ ހަވަނަ މާއްދާ އެގޮތަށް އޮއްވައި ބިލަށް ވޯޓު ދޭން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ.

ބިލަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ސަރުކާރުން ބިލް ހުށަހެޅި މަގްސަދު ސާފު ނުވާ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގާނޫނުން ލިބިދީފައިވާ ރައްކާތެރިކަން މި އިސްލާހުގެ ސަބަބުން ނިގުޅައިގަންނަ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"ގާނޫނުގައި އެހެން ލިޔެވުނީ ދިވެހި އެތައް ޒުވާނުންގެ މަސައްކަތުން. ސުވެނިއާ އަދި ވޯޓާ ސްޕޯޓްސް ފަދަ ވިޔަފާރިތަކަކީ ބިދޭސީންނަށް ނުވަދެވޭ ގޮތަށް ހަދަން ގިނަ ޒުވާނުން ބޭނުންވެގެން އެކަން ކުރުމަށް އެދިގެން ކޮށްފައިވާ ކަމެއް. މި އިސްލާހު މިގޮތަށް ފާސްކޮށްފިއްޔާ އެ ވިޔަފާރިތަކަށް އަދި ގެސްޓު ހައުސް ހެދުމުގެ ވިޔަފާރިއަށް ވެސް ބިދޭސީންނަށް ފަސޭހައިން ވަދެވޭނެ،" މެމްބަރު ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު

އެހެންކަމުން ކޮމިޓީ މަރުހަލާގައި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި މިހާރު އޮތް ގޮތުން މިއީ ފާސް ކުރަން ހެޔޮ ވާވަރުގެ އިސްލާހެއް ނޫން ކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިއީ ސަރުކާރުން ހެޔޮ ނިޔަތުގައި ހުށަހެޅި އިސްލާހެއް ކަމަށެވެ. އެއަށް ރައްދު ދެއްވައި މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ އެއީ ސަރުކާރުން ހެޔޮ ނިޔަތުގައި ހުށަހެޅި އިސްލާހެއް ނަމަ ބިލުގެ ހަވަނަ މާއްދާ އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"ބޭރު ވިޔަފާރިވެރިންނަށް ފުރުސަތު ދެވިއްޖެއްޔާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަމަ ހަލާކުވެގެން ދާނެ،" ރާއީ ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވެސް ވިދާޅުވީ މިހާރު މިއޮތް ގޮތަށް ބިލް ފާސްކުރަން ތާއީދު ނުކުރެވޭނެ ކަމަށެވެ. ނިހާދު ވިދާޅުވީ މިހާރު ފޮޓޯގްރަފީ އަކީ ހަމައެކަނި ދިވެހިންނަށް އޮތް ވިޔަފާރިއެއް ނަމަވެސް، އެކަމުގައި ވެސް ބިދޭސީން އުޅޭ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި، އެހެންކަމުން ގާނޫނެއްގެ ތެރެއިން އެމީހުންނަށް އެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އޭގެ އިތުރުން އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް ބިލުގައި ހިމަނާފައި ވާއިރު، އެއީ ކުރުން މުހިންމު ކަމެއް ކަމަށާއި، ނަމަވެސް ބޭންކިން ނިޒާމުގެ ތެރެއިން ފަސޭހަ ކަމާއެކު އޮންލައިން ވިޔަފާރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭކަން ނިހާދު ފާހަގަ ކުރެއްވިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު -- ފޮޓޯ/ މަޖިލިސް

މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ވަނީ ސަރުކާރުން މިފަދަ ބިލެއް ހުށަހަޅުއްވައިފައި ވަނީ އެއްވެސް ވަރަކަށް ދިރާސާ ނުކުރައްވާތޯ ސުވާލު އުފައްދަވައިފައެވެ.

އަދި ހުށަހަޅާފައިވާ ގޮތަށް ބިލް ފާސްކޮށްފި ނަމަ، ރީޓެއިލް ވިޔަފާރިތަކާއި، ކަންމަތީ ވިޔަފާރިތަކާ، ގެސްޓްހައުސް ތަކާ، ފޮޓޯގްރަފީގެ ވިޔަފާރިތަކާ އަދި ރަށްރަށުގައި ހެދިފައިވާ ވޯޓާސްޕޯޓްސް ފެސިލިޓީތަކާއި، ރެސްޓޯރަންޓު ހޮޓާ ތަކުގެ ވިޔަފާރި ވެސް ފުނޑިގެން ދާނެ ކަމަށެވެ.

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު --- ފޮޓޯ/ މަޖިލިސް

"ރާއްޖޭގެ އިގްތިސޯދަށް، އަދި ޒުވާނުންނަށް ވެސް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިގެންދާނެ. އެމްޑީޕީގެ އެޖެންޑާ 19ގެ ކަންމަތީ މަސް ފެކްޓްރީތައް ވެސް ފުނޑިގެން ދާނެ،" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ކުދި ވިޔަފާރިތައް އޮންނަން ވާނީ ދިވެހިންނަށް ކަމަށާއި އިސްލާހު އޮތް ގޮތަށް ފާސްވެއްޖެ ނަމަ ވޯރާ ވިޔަފާރިތަކެއް އުފެދިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް