ހޮންކޮންގެ ބްރިޓިޝް ކޮންސިއުލޭޓުގެ މުުވައްޒަފަކު ޗައިނާއަށް ދިޔަ ފަހުން ގެއްލިއްޖެ

ހޮންކޮންގެ ނޫހަކުން ވަނީ ސައިމަން ޗެންގް ގެއްލިފައިވާ ކަމަށް ބުނެފަ -- ފޮޓޯ: ފޭސްބުކް

ހޮންކޮންގް (އޮގަސްޓު 20): ހޮންކޮންގުގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓުގެ މުވައްޒަފަކު ޗައިނާއަށް ދިޔަ ފަހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހޮންކޮންގުގެ ނޫހެއް ކަމަށްވާ އެޗްކޭ01އިން ބުނި ގޮތުގައި އިނގިރޭސި ކޮންސިއުލޭޓުގައި މަސައްކަތް ކުރާ ސައިމަން ޗެންގް ގެއްލުނު ކަމަށް ބެލެވެނީ މިމަހުގެ އަށެއްގައި ޗައިނާގެ ޝެންޒެންއަށް ދިޔަ ފަހުންނެވެ. ހޮންކޮންގަށް ނިސްބަތްވާ ކަމަށް ބެލެވޭ ޗެންގް ކޮންސިއުލޭޓުގައި މަސައްކަތް ކުރީ ސްކޮޓިޝް ޑެވެލޮޕްމެންޓް އިންޓަނޭޝަނަލް ސެކްޝަންގެ އިންވެސްޓްމެންޓް އޮފިސަރެއްގެ ގޮތުގަ އެވެ.

އިނގިރޭސި ފޮރިން އޮފީހުން ބުނި ގޮތުގައި އެގައުމުން ދަނީ އެރިޕޯޓުތަކާ ބެހޭ އިތުރު މައުލޫމާތު ޗައިނާ އާއި ހޮންކޮންގުން ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

އެރިޕޯޓާ ބެހޭ ގޮތުން ޗައިނާއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. ނަމަވެސް ހޮންކޮންގެ ފުލުހުން ވަނީ ބްރިޓިޝް ފޮރިން އޮފީހުގެ މުވައްޒަފެއް ގެއްލުނު ކަމުގެ ރިޕޯޓު މިމަހުގެ ނުވައެއްގައި ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެމައްސަލަ މިހާރު ބަލަމުންދާ ކަމަށް ބުނެފަ އެވެ.

ހޮންކޮންގެ މީޑިއާތަކުން ޗެންގް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ އެސަރަހައްދުގައި ބޮޑެތި ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދާ ދަނޑިވަޅެއްގަ އެވެ. އެމުޒާހަރާތައް ފެށުނީ ހޮންކޮންގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި "ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލާ" ގުޅިގެންނެވެ.

ހޮންކޮންގެ ސަރުކާރުން ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ، ޓައިވާނުގައި ހުރި ހޮންކޮންގެ މީހަކު އޭނާގެ ލޯބިވެރިޔާ މަރާލި މައްސަލައާ ގުޅިގެންނެވެ. އެމީހާ ވަނީ ފަހުން ހޮންކޮންގަށް އައިސްފަ އެވެ. އަދި ޓައިވާނާއި ހޮންކޮންގާ ދެމެދު ކުށްވެރިން ބަދަލު ކުރުމާ ބެހޭ ގޮތުން ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވުމުން، އެމީހާ ޓައިވާނާ ހަވާލު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އެހެންކަމުން ހޮންކޮންގްއިން ވަނީ އެސިޓީން ކުށްވެރިން ބަދަލު ކުރުމާ ބެހޭ ގޮތުން އެއްބަސްވުމެއް ހަދާފައި ނުވާ ގައުމުތަކާ އެކު ކުށްވެރިން ބަދަލު ކުރުމަށް ފުރުސަތު ދޭނެ ބިލެއް މިދިޔަ ފެބްރުއަރީ މަހު ހުށަހަޅައިފަ އެވެ. އެބިލު ފާސްކޮށްފި ނަމަ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ވެސް ހަވާލު ކުރެވޭނެ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އޭގެ ސަބަބުން ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އޭޕްރިލް މަހު އެބިލާ ދެކޮޅަށް ފެށި މުޒާހަރާތަކުގެ ސަބަބުން ލީޑަރު ކެރީ ލާމް ވަނީ ބިލް ފާސް ކުރުން ފަސްކޮށްފަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމްގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އަދި އެފަރާތްތަކުން ވަނީ މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި ފުލުހުން ކުރަމުންދާ އަނިޔާތަކަށް އެމީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނަމުންނެވެ.

comment ކޮމެންޓް