ފުލުުސް މީހާގެ މަރު: ވަކީލަކު ހަމަޖައްސަން އަނެއްކާވެސް ފުރުސަތު ދީފި

ފުލުސް މީހާ މަރާލި ސަމާޙު ---

ކ. ކާށިދޫގައި ޕޮލިސް ސާޖެންޓް އަދާމް ހަލީމް މަރާލި މައްސަލައިގައި ހައިކޯޓަށް އޮޅުންތަކެއް އަރައި އަނެއްކާވެސް ގާތިލަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދީފި އެވެ.

ފުލުހުންގެ ޑިއުޓީއަށް ދިޔަ މަގުމަތީގައި ވަޅި ހަރައި ކ. ކާށިދޫ ކެތި، އާދަމް ހަލީމް މަރާލީ، ޖުލައި، 22، 2012 ގައެވެ. ހަލީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭގެ ހަ މަސް ފަހުން ޖެނުއަރީ، 25، 2013 ގައެވެ.

މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފަ އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ ފަސް އަހަރު ފަހުން މިހާރު ހައި ކޯޓުގައި އެ މައްސަލައިގައި އިސްތިއުނާފު އަޑުއެހުންތައް މިމަހު ފެށިއެވެ.

2012 ޖުަލައި ގައި މަރާލި ޕޮލިސް ސާޖެންޓް އަދާމް ހަދަމް ހަލީމް ---

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. މިއަދު ބޭއްވި އަޑުއެހުމަކީ، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލުވުމަށް ފަހު ބޭއްވި ފުރަތަމަ އަޑުއެހުމެެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލައިގެ ހުލާސާ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ. އިސްތިއުނާފީ ނުކުތާތަކަށް ތައްޔާރުވުމަށް ސާމިހުއަށް އެކަށީގެންވާ މިންވަރަށް ބައްދަލުނުވެވޭތީވެ، އެ އަޑުއެހުމުގައި ދިފާއީ ވަކީލު އެދިވަޑައިގަތީ، އިތުރު 10 ދުވަސް ދިނުމަށް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު ހަސަން އަލީ ވިދާޅުވީ، މީގެ ކުރިން އެ ސެކްޝަނުން މިމައްސަލަ ބައްލަވާފައި ނުވާ ކަމަށާއި މިއަދުގެ އަޑުއެހުމަކީ، މި މައްސަލައާ ގުޅިގެން އެސެކްޝަނުން ބާއްވާ ފުރަތަމަ އަޑުއެހުން ކަމަށެވެ. ނަމަވެސް އެހެން ސެކްޝަނެއްގައި އެ މައްސަލައިގެ އަޑު އެހުމެެއް ކުރިއަށް ގެންގޮސްފައިވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާކަން ސަމާހުވެސް ބުންޏެވެ. ކުރިން އަޑުއެހުމުގައި ޖަވާބުދާރީ ވުމަށް ތައްޔާރުވުމުގެ ގޮތުން ވަކީލަށް 10 ދުވަސް ދީފައި ވަނިކޮށް މިއަދު ވަކީލު ހާޒިރު ނުވީ ކަމަށް ސަމާހު ބުންޏެވެ. ސަމާހު ބުނީ، އޭނާ މައްސަލަ ކުރިއަށް ދިޔުމަށް ބޭނުން ވަނީ ވަކިލަކާ އެކު ކަމަށެވެ.

ފަނޑިޔާރު ނިންމެވީ ސަމާހު އަށް ވަކީލެއް ހަމަޖެއްސުމަށް ފުރުސަތު ދިނުމަށް ފަހު، އިތުރު އަޑުއެހުމެއް އެހެން ދުވަހަކަށް ތާވަލް ކުރުމަަށެވެ. ނަމަވެސް ވަކީލަކު ހަމަޖެއްސުމަށް ވަކި މުއްދަތެއް ފަނޑިޔާރު ކަނޑަނާޅުއްވަ އެވެ.

މައްސަލަ ބައްލަވާ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ކްރިމިނަލް ކޯޓުން ސަމާހު މެރުމަށް ހުކުމް ކޮށްފައިވަނީ، ހަތަރު ވާރިސުންގެ ތެރެއިން ހަލީމް ބައްޕަޔާއި މަންމަޔާއި ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާތީ އެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވީ އޭނާގެ އިއުތިރާފު ބަޔާނުންނެވެ.

އިއުތިރާފު ބަޔާނުގައި ސަމާހު ބުނެފައިވަނީ ހަލީމް މަރާލާފައި ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި މަސްތުވެގެން ހުރެ، ތިލައިގައި ހަތަރު އިންޗި ހުރި ވަޅިއަކުން ކަމަށެވެ. ނަމަވެސް ފަހުން ސަމާހު ބުނެފައިވަނީ އެނާ އެ އިއުރިރާފުވީ ފުލުހުން ބިރުދައްކައިގެން ކަމަށެވެ.

comment ކޮމެންޓް