ހިޔާނާތުގައި ހިމެނޭ މުވައްޒަފެއް މިހާރު ނެތް، އެފަދަ ކަމެއް ތަކުރާރެއް ނުވާނެ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިިބް: ބޮޑު ހިޔާނާތުގައި ޝާމިލުވާ އެއްވެސް މުވައްޒަފެއް މިހާރު އެ ކުންފުނީގައި ނެތް ކަމަށް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވާ މުވައްޒަފެއް މިހާރު އެ ކުންފުނީގައި ނެތް ކަމަށާއި އެފަދަ ކަމެއް ދެން ތަކުރާ ނުވާނެ ގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތޮއްޔިބު ވިދާޅުވީ، އެފަދަ ބޮޑެތި ވައްކަންތައް ހިންގަނީ އާދައިގެ މުވައްޒަފުންގެ ބަދަލުގައި އިސްވެރިން ކަމަށެވެ.

"އެކަމާ ގުޅުންހުރި ކަމެއް ކަމުގައިވަންޏާ އެ ބޭފުޅުން ހައްޔަރުކޮށްފައިވާނެ ކަމަށް އަޅުގަނޑު ދެކެނީ. އޭގެ ތެރެއިން ރިޕޯޓްތަކުން އެގޭ ގޮތުގައި މިކަން ކަން ކޮށްފައިވަނީ މަދުބަޔަކު ވަކި ގޮތަކަށް ކޮށްފައިވާ ކަންކަން. އެހެންވީއިރު އެ ބޭފުޅުން މިވަގަތުވީ ބަންދުގައި ނުވަތަ ހައްޔަރުގައި. އަޅުގަނޑުމެންގެ ތެރޭގައި އޭގެތެރެއިން އިތުރު ބޭފުޅުން ތިއްބެވިކަމަށް އަޅުގަނޑެއް ތުހުމަތެއް ނުކުރާނަން،" ތޮއްޔިބު ވިދާޅުވި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެމްއެމްޕީއާރުސީ އިސްވެރިން ހާޒިރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން އެމްއެމްޕީއާރުސީގެ މިހާރުގެ މެނޭޖުމަންޓް އިން މަސައްކަތް ކުރަމުން ދަނީ އެ ފަދަ ހިޔާނާތްތައް ތަކުރާރުވިޔަ ނުދިނުމަށް ކަން ތޮއްޔިބު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ އިތުބާރު މިހާރު އޮތް ޑިރެކްޓަރުންގެ ބޯޑަށް އޮތް ކަމަށެވެ.

"ކިރިޔާ ވެސް މައްސަލައެއް ހިލޭނެހެން ހީވަންޏާ އެކަމަކަށް ފިޔަވަޅު އަޅައި މިހާތަނަށް ވެސް އެއް މުވައްޒަފަކު ވަނީ އަޅުގަނޑުމެންގެ މި މެނޭޖްމެންޓް އިން ވަކި ކޮށްފައި،" ތޮއްޔިބް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަވެފައި ބުރަ ކަމަށާއި އެހެންނަމަވެސް މިއަދާހަމައަށް ވެސް އެ ކުންފުނީގައި ތިބީ 30 މުވައްޒަފުން ކަން ތޮއްޔިބު ވިދާޅުވި އެވެ. އެހެން ކަމުން ވަރަށް ގިނަ މަސައްކަތްތައް އައުޓް ސޯސް ކޮށްގެން ކުރިއަށް ގެންދާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަދިވެސް މި ދަންނަވަނީ މިކަންކަން (އައުޓްސޯސް ކުރާ މަސައްކަތް) ކުރާނީ ރަނގަޅަށޭ،" ތޮއްޔިބު ވިދާޅުވި އެވެ.

comment ކޮމެންޓް