މަސްވެރިކަމުގެ ބިލު މަޖިލީހަށް ބަލައިގެންފި

ދިވެހި މަސްވެރީންތަކެއް މަސް ބޭނުމުގައި -- ފޮޓޯ/ ދިމަސްވެރީން

ސަރުކާރުންގެ ފަރާތުން މަޖިލީހަށް ހުށަހެޅި މަސްވެރިކަމުގެ ބިލު ބަލައިގެންފި އެވެ.

މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. މަސްވެރިކަމުގެ ބިލު މިއަދު މަޖިލީހަށް ބަލައިގަތީ 72 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މަސްވެރިކަމުގެ ބިލުގައި ގިނަ ކަންތައްތަކެއް އިސްލާޙު ކުރަން ޖެހޭ ކަމަށް ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުންވެސް އަދި އެހެން ޕާޓީތަކުގެ މެމްބަރުންވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަސްވެރިކަމުގެ ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ބިލުގައި ތަފްސީލުކޮށް ހިމަނަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އީވާ ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިކަމުގެ ބިލުގެ މަގްސަދުގެ ގޮތުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއާ ނަފާ ހޯދައި ދިނުން ހިމަނަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

"މި ބިލު އަޅުގަނޑުމެން ބަދަލު ކުރަންޖެހޭ މުޅި މަގްސަދަކީވެސް އެއީ. މުޅި ދުނިޔޭގައި މަހަށް އެ ލިބޭ ބޮޑު އަގު ދިވެހި މަސްވެރިޔާއާ ހަމައަށްވެސް އައުން. އަދި މަސްވެރިން އޮޑިވެރިން އެކުރާ މަސައްކަތުގެ ފުރިހަމަ ނަފާ ތާއަބަދަށް ލިބޭނޭ ގޮތްވެސް ވުން." އީވާ ވިދާޅުވި އެވެ.

https://sun.mv/122520

މަސްވެރިކަމުގެ ބިލުގައި މަސްވެރިންނަށް ނަފާ ލިބޭ މާ ގިނަ ކަންތައްތަކެއްގެ ވާހަކަ ހިމަނާފައެއް ނުވެ އެވެ. ގިނަ ބާރުތަކެއް ފިޝަރީޒް މިނިސްޓްރީ އަދި މިނިސްޓަރުގެ މުށުތެރެއަށް ބިލުން ދޫކޮށްލާފައިވާއިރު ބިލުގައި ބޮޑަށް ތަފްސީލުކޮށްފައި ހުރީ މަސްވެރިންނަށް ދޭނެ ބޮޑެތި އަދަބުތަކެއްގެ ވާހަކަ އެވެ.

މަނާ މަސްވެރިކަމުގެ ބާއްވަތްތައް

ބޮޑުދަލު މަސްވެރިކަން، އޮޔާދާ ދަލު މަސްވެރިކަން، ދަމާ ދަލު މަސްވެރިކަން، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ދޫކުރާ ދަގަނޑު ބޭނުންކޮށް ކުރާ މަސްވެރިކަން، ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ރޮދުލުން

  • ތަންފީޒީ އޮފިސަރުން (ފުލުހުންނާއި، ސިފައިންނަށް) އެއްބާރުލުން ނުދިނުން - އަދަބެއްގެ ގޮތުން ދެލައްކަ ރުފިޔާގެ ޖޫރިމަނާ
  • ލައިސަންސް ނެތި އައިސްޕްލާންޓެއް ނުވަތަ މަސްފެކްޓްރީއެއް ގާއިމް ކުރުމަކީވެސް ކުށެއް - އަދަބެއްގެ ގޮތުން މަސްފެކްޓްރީ ނުވަތަ
    އައިސްޕްލާންޓުގެ ވެރިފަރާތް އަދި އޮޕަޓޭރަރު ހިމެނޭ ގޮތަށް ކޮންމެ ފަރާތެއް ހަތަރު ލައްކައިން ޖޫރިމަނާ ކުރެވޭނެ

ޖޫރިމަނާ ކުރުމުގެ ބާރު މަސްވެރިކަމުގެ ބިލުން ދީފައިވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ. އެހެން ނަމަވެސް އެ ބިލުގައި ބުނާ ގޮތުން އެއްވެސް ކުށެއް ކޮށްގެން ޖަވާބުދާރީ ވުމުގެ ފުރުުސަތު ނުދީ މަދަނީ އަދަބެއް ކަނޑައެއް ނޭޅޭނެ އެވެ.

comment ކޮމެންޓް