ޒާކިރު ނައިކް މެލޭޝިއާގައި ތަގުރީރު ކުރުން މަނާކޮށްފި

ޒާކިރު ނައިކް މެލޭޝިއާގައި ތަގުރީރު ކުރުން ވަނީ މަނާކޮށްފަ -- ފޮޓޯ: އީޕީއީ

ކުއަލަލަމްޕޫރު (އޮގަސްޓު 20): މެލޭޝިއާގައި ދިރިއުޅޭ އިންޑިއާގެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް މެލޭޝިއާގައި ތަގުރީރު ކުރުން މަނާކޮށްފި އެވެ.

މެލޭޝިއާގެ ފުލުހުން ބުނި ގޮތުގައި ޒާކިރު ނައިކް ތަގުރީރު ކުރުން މަނާ ކުރީ ގައުމީ ސަލާމަތާއި ނަސްލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކަ އެވެ. މީގެ ކުރިން ފުލުހުން ވަނީ މިމަހުގެ ތިނެއްގަ އާއި އަށެއްގައި ޒާކިރު ނައިކް ދެއްކެވި ވާހަކަޔަކާ ގުޅިގެން 10 ގަޑި އިރު ވަންދެން އޭނާއާ ސުވާލުކޮށްފަ އެވެ.

އެއީ ޒާކިރު ނައިކް ދިން ތަގުރީރެއްގައި އޭނާ ޑީޕޯޓު ކުރަން ބަޔަކު ގޮވާލުމުން، މެލޭޝިއާ ދޫކޮށް ފުރަތަމަ ދާން ޖެހޭނީ ޗައިނާ ދަރިކޮޅުގެ މީހުން ކަމަށާއި އެއީ އެގައުމަށް ދިޔަ މެހެމާނުންތަކެއް ކަމަށް ސިފަ ކުރުމުންނެވެ. އަދި އޭގެ ފަހުން މެލޭޝިއާގެ ހިންދޫން އެގައުމުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދަށް ވުރެ ބޮޑަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތާއިދު ކުރާ ކަމަށް ވިދާޅުވުމުންނެވެ.

އެމައްސަލާގައި ޒާކިރު ނައިކް ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. އަދި އޭނާ ދެއްކެވި ވާހަކައިގެ މާނަ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޒާކިރު ނައިކާއި ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮތް ކަމަށް ބުނެ 2016 ވަނަ އަހަރު އިންޑިއާ ފުލުހުން ތަހުގީގެއް ފެށި ފަހުން އޭނާ ދިރިއުޅެމުން ދަނީ މެލޭޝިއާގަ އެވެ. އަދި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އޭނާއަށް ވަނީ ދާއިމީ ރައްޔިތެއްގެ ދަރަޖަ ދީފަ އެވެ.

comment ކޮމެންޓް