ރާއްޖެ އިސްތިހާރު ކުރުމަށް އުފެއްދި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބެންޖެހޭ ފައިސާ ތަކުގެ ތެރެއިން 14.67 މިލިއަން ޑޮލަރު، ތިން ކުންފުންޏަކުން ހޯދުމަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި އެވެ.
އެމްއެމްޕީއާރުސީގެ މަސައްކަތްތަކާއި ގުޅިގެން މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތޮއްޔިބު ވިދާޅުވީ، ޑޮލަރުގެ މުއާމަލާތްތަކެއް ކުރުމުގެ ނަމުގައި އެމްއެމްޕީއާރުސީން އެހެން ފަރާތަކަށް އަނބުރާ ދައްކާ ގޮތަށް ދޫކޮށްފައިވާ ފައިސާ ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން ތިން ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް މި ކޯޕަރޭޝަނުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި. އެ މައްސަލަތައް ޝަރީއަތުގެ މަރުހަލާ ހިނގަމުންދާ ކަން ފާހަގަކޮށްލަން،" ތޮއްޔިބު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ފައިސޯ ހޯދުމަށް ދައުވާކުރި ކުންފުނިތައް:
1. އެސްއޯއެފް ޕްރައިވްޓް ލިމިޓެޑް - 10.7 މިލިއަން ޑޮލަރު
2. މިލީނިއަމް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް - 2.5 މިލިއަން ޑޮލަރު
3. މޮންޓަލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް - 1.47 މިލިއަން ޑޮލަރު
އެ ފައިސާ ހޯދުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ކުރަމުންދަނީ އޭޓާނީ ޖެނަރަލްގެ އެދުމުގެ މަތިން އެއީ އެކުންފުންޏަށް ސީދާ ލިބެން ޖެހޭ ފައިސާއެއް ކަމަށްވާތީ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
ބައެއް ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް ފައިސާ ދައްކަން ޖެހޭއިރު، ޑޮލަރު ގަތުމުގެ މުއާމަލާތްތަކަށް އެމްއެމްޕީއާރުސީން އެމްޕީއެލްއިން ނަގާފައިވާ ފައިސާ ވެސް އަނބުރާ ދައްކަން ޖެހޭ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެެވެ.
އެގޮތުން، އެނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީން އެމްޕީއެލް އަށް 6.3 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ދެއްކިފައިވަނީ 78600 ޑޮލަރެވެ. އަދި ވިދާޅުވީ، 5.5 މިލިއަން ޑޮލަރު އަދިވެސް ދައްކަން ޖެހޭއިރު އެ ފައިސާ ދެއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތިރުން ތޮއްޔިބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.
އެ މައްސަލަތަކުގެ ތަހުގީގު އަދިވެސް ކުރިއަށްދެ އެވެ.