މިއަދުން ފެށިގެން އެމްއައިބީ ހެޑް އޮފީހުން ވެސް ހިއްސާ ފޯމު ބަލައިގަންނާނެ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ގަތުމަށް އެދޭފޯމު މިއަދުން ފެށިގެން އެ ބޭންކުގެ ހެޑް އޮފީސް، ހ.މެދުޒިޔާރަތްދޮށުގެ އިންވެސް ބަލައިގަންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީ އިން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 18 ގެ ނިޔަލަށް ހެޑްއޮފީހުން ވެސް އައިޕީއޯ ފޯމު ބަލައިގަންނާނެ ކަމަށެވެ.

އެމްއައިބީގެ ހެޑް އޮފީހުން އައިޕީއޯ ފޯމު ބަލަގަންނާނެ ވަގުތުތައް:

އާދީއްތަ އިން ބުރާސްފައްޗަށް ކޮންމެ ދުވަހެއްގެ ހަވީރު ތިނަކުން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު އަށަކުން 10 އަށް

ހޮނިހިރު ދުވަހުގެ ހެނދުނު ނުވަޔަކުން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު އަށަކުން 10 އަށް

ހުކުރު ދުވަސް ބަންދު

އެމްއައިބީ އިން ބުނީ ހެޑް އޮފީހަށް އައިޕީއޯ ފޯމު ހުށަހަޅާއިރު ހިއްސާ ގަތުމަށް ނަގުދު ފައިސާގެ އިތުރުން ޕީއޯއެސް މެދުވެރިކޮށް އަދި މޯބައިލް ޓްރާންސްފާ މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

އެމްއައިބީގެ ހިއްސާ ގަތުމުގެ ފުރުސަތު ސެޕްޓެމްބަރު 18ގެ ނިޔަލަށް ހުޅުވަލާފައިވާއިރު އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އޮންލައިކޮށްް އަދި އެބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެއެވެ. މީގެ އިތުރުން މ ފާމުދޭރިގޭގައި ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފައެވެ.

އެމްއައިބީގެ ހިއްސާ އާންމުންނަށް ވިއްކަން ފަށާފައިވާއިރު ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެއެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާއާއި އާންމު ހިއްސާގެ 69975،000 ހިއްސާއެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

ކޮންމެ ފަރާތަކަށްވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާއެވެ. މި އަދަދު އިތުރުކުރަން ބޭނުންނަމަ 10 ހިއްސާއިން އަދަދު އިތުރުކުރެވިދާނެއެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީއެވެ.

އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމްފައިސާ މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެއެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށްގެންދާނެ ޓައިމްލައިން
- ހިއްސާ ގަތުމަށް ހުޅުވާލި ތާރީހު: 28 ޖުލައި 2019
- ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހު: 18 ސެޕްޓެމްބަރު 2019
- ހިއްސާ އެލޮޓްކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 08 އޮކްޓޯބަރު 2019
- ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 28 އޮކްޓޯބަރު 2019
- އެލޮކޭޓުކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019

comment ކޮމެންޓް