ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އަށް ވައިސް ޗާންސެލާއަށްު އައްޔަނުކުރާގޮތަށް ހަމަޖައްސައިފިއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގައުމީ ޔުނިވަސިޓީއަށް ވައިސް ޗާންސެލާއެއް އައްޔަނުކުރައްވާނެ އެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާގެ މަގާމުގައި މިހާރު ހުންނެވީ ޑރ. އަލީ ފަވާޒް ޝަރީފް އެވެ.
ވައިސް ޗާންސެލާއެއް އައްޔަނުކުރެއްވުމަށް ރައީސް ނިންމެވި ނަމަވެސް ޔުނިވާސިޓީގެ ޗާންސެލާ ބަދަލު ކުރާނެ ކަމެއް އަދި ނޭނގެ އެވެ.
ދާދި ފަހުން ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ގެނައި ބަދަލަކާ އެކު ވައިސް ޗާންސެލާ އައްޔަން ކުރުމުގެ ބާރު ވަނީ ރައީސް އަށް ދީފަ އެވެ.
އާ އިސްލާހާއެކު ރައީސް ސޯލިހް އައްޔަނުކުރައްވާނީ އެމްއެންޔޫގެ ޗާންސެލާ އަދި ވައިސް ޗާންސެލާގެ މަގާމަށް ބޭފުޅުންނެވެ. މީގެ ކުރިން ޑެޕިއުޓީ ވައިސް ޗާންސެލާވެސް އައްޔަނުކުރައްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
އާ އިސްލާހާއެކު ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަނުކުރާނީ ޔުނިވާސިޓީން އެކުލަވާލާ ކައުންސިލުން އެވެ. އަދި އެ ކައުންސިލް އެކުލަވާލެވެންދެން މިހާރު ތިބި ޑެޕިއުޓީ ކައުންސިލްގެ މަގާމު ދެމި އޮންނާނެ އެވެ.