ހިޔާގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

ހިޔާގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން -- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ ދެ މަރުކަޒު، ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގެ 179 މުވައްޒަފަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

މިއަދު ފެށި ތަމްރީނު ޕްރޮގްރާމްތަކުގެ ބޭނުމަކީ މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.

އެ ތަމްރީނު ޕްރޮގްރާމް ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އަށް ދާއިރާއަކުން ސެޝަންތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެ ދާއިރާތަކަކީ:

- ޕޭރެންޓިން ސްކިލްސް

- ކެއާ ވޯކާސް – ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް

- ޗައިލްޑް ސައިކޮލޮޖީ އެންޑް ސޯޝަލް ވޯކް ތިއަރީ

- ސައިކޯ ސޯޝަލް އެޕްރޯޗަސް

- ކޮމިއުނިކޭޝަން ސްކިލްސް އެންޑް ޓޫލްސް

- އެޑިޝަނަލް ރެސްޕޮންސިބިލިޓީސް އެންޑް މެނޭޖީރިއަލް ރޯލްސް

- މެންޓަލް ހެލްތު އެންޑް ވެލްބީންގް، އިމޯޝަނަލް ހެލްތު އިޝޫޒް

- ޑިސްއެބިލިޓީސް އެންޑް ލާނިންގ ޑިފިކަލްޓީސް

ޖެންޑާ މިނިސްޓްރީ އިން ބުނީ ތަމްރީނު ޕްރޮގްރާމްތަކުގައި މަރުކަޒުތަކުގެ ހުރިހައި ފަންތިއެއްގެ މުވައްޒަފުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށާއި ސެޝަންތައް ކުރިއަށް ގެންދާނީ މިނިސްޓްރީއާއި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކަމަށް އެންމެ އެކަށީގެންވާ ތަމްރީނު ލިބިފައި ނެތް މީހުން ކަމަށް މީގެ ކުރިން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

އަދި ތަމްރީނުވެފައި ތިބި މުވައްޒަފުން ނެތުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެއް ކަމަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 150 ކުދިން ދިރިއުޅެމުންދާ އިރު، އޭގެ ތެރޭގައި 12 އަހަރުން ދަށުގެ 106 ކުދިން ހިމެނެ އެވެ. އެކުދިން ބަލަހައްޓަނީ ހުޅުމާލޭގައި ހުންނަ މަރުކަޒު، ފިޔަވަތީގަ އެވެ.

12 އަހަރުން މަތީގެ 44 ކުދިން ދިރިއުޅެމުން ދަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގަ އެވެ.

comment ކޮމެންޓް