ސްވިޒަލޭންޑުގައި ރާއްޖެ އިޝްތިހާރު ކުރަނީ

ސްވިޒަލެންޑްގައި ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ ހަރަކާތް -- ފޮޓޯ: އެމްއެމްޕީއާރުސީ

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުުމަށް ސްވިޒަލޭންޑްގައި ރޯޑް ޝޯއެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ "ޖާނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާ ރޯޑް ޝޯތަކުގެ ތެރެއިން ސްވިޒަލޭންޑްގައި ކުރިއަށްގެންދާ ރޯޑްޝޯ މާދަމާގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ. ރޯޑް ޝޯތައް ކުރިއަށްގެންދާނީ ބެސެލް، ޒިއުރިކް އަދި ޖެނީވާގައެވެ.

މިއީ ސްވިޒަލޭންޑުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ރޯޑްޝޯ ގައި ރާއްޖޭގައި އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހަ ކުންފުންޏަކުން ބައިވެރިވެއެވެ.

ރޯޑް ޝޯ ކުރިއަށްގެންދާ ކޮންމެ ސިޓީއެއްގައިވެސް ބާއްވާ ގުރުއަތުލުމަކުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެއެވެ. މި ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ކަލްސް ނޯތު މާލެ އެޓޯލްގެ އިތުރުން ލަކްސް އަރިއެޓޯލް އާއި ޔޫއެންޑްމީ ބައި ކޮކޫންގެ ފަރާތުންނެވެ.

ސްވިޒަލެންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެކެވެ. މިއަހަރުގެ މިހާތަނަށް 11 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ސްވިޒަލޭންޑުންނެވެ.

comment ކޮމެންޓް