އީދު ބަންދުގައި ވައްކަމާއި ފޭރުމުގެ 82 މައްސަލަ

އީދު ބަންދުގައި ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅައިފައި --- ފޮޓޯ ފުލުހުން

ނިމިދިޔަ އީދު ބަންދުގައި މާލެ ސަރަހައްދުން ވައްކަމާއި ފޭރުމުގެ 82 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި މަހުގެ ނުވަޔަކުން 17 އަށް ވައްކަމުގެ 69 މައްސަލަ އަދި ފޭރުމުގެ 13 މައްސަލަ މާލެ ސަރަހައްދުން ވަނީ ރިޕޯޓުކޮށްފައެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަ އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މާފަންނު އަވަށުންނެވެ. މާފަންނުން އެކަނި ވައްކަމާއި ފޭރުމުގެ 23 މައްސަލަ ހުށަހަޅައިފައިވެއެވެ.

ޖުމްލަކޮށް ބަލާއިރު، އީދު ބަންދުގައި ގްރޭޓާ މާލެ ސަރަހައްދުން ތަފާތު 206 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މާލެ އިން 149 މައްސަލަ ރިޕޯޓު ކުރި އިރު، ހުޅުމާލެ އިން 36 މައްސަލަ އަދި ވިލިމާލެ އިން ހަތް މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

މާލެ އިން އެންމެ ގިނަ އަދަދެއްގެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މާފަންނު އަވަށުންނެވެ. މާފަންނުން 56 މައްސަލަ ރިޕޯޓު ކުރި އިރު، ހެންވޭރުން 52 މައްސަލަ، ގޮލުޅުން 29 މައްސަލަ އަދި މައްޗަންގޯޅިން 12 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މަގުމަތީގެ އެކްސިޑެންޓުތަކެވެ. އެގޮތުން އީދު ބަންދުގައި މަގުމަތީގެ 40 އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.

ދެން ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، ޖިންސީ ގޯނާ އާއި، ފުރައްސާރަ އާއި، ގެވެށި އަނިޔާ އާއި، މަސްތުވާތެކެއްޗާއި، މުދަލަށް ގެއްލުން ދިނުން ފަދަ މައްސަލަތައް ހިމެނެއެވެ.

comment ކޮމެންޓް