މަސްވެރިކަމާއި ފަތުރުވެރިކަމުގައި އޮތް ތަފާތުކުރުން ނައްތާލަން ޖެހޭ: ސައީދު

މާވަށު ދާއިރާގެ މެންބަރު ސައީދު: އޭނާ ވިދާޅުވީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް ތަފާތުކުރުން ނައްތާލަން ޖެހޭ --- ފައިލް ފޮޓޯ: މަޖިލިސް

މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް ތަފާތުކުރުން ނައްތާނުލާހާ ހިނދަކު މަސްވެރިކަމުގެ ދާއިރާ ކުރިއަރަގެން ނުދާނެ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމާއި ބެހޭ ބިލަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ، ނިމިގެން ދިޔަ ޖަލްސާތަކަށް ސަރުކާރަށް ތާއިދުކުރާ މެންބަރުން ހުށަހެޅި ފަސް ގަރާރުގައިވާ ވާހަކަތައް އެ ބިލް ހުށަހެޅިއިރު އޭގައި ނެތް ކަމަށެވެ.

ފަތުރުވެރިކަމުގެ ޕްރޮމޯޝަނަށް އަހަރަކު 154 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރާއިރު މަސްވެރިކަމުގެ ޕްރޮމޯޝަނަކަށް އެންމެ ބައި ލާރި ވެސް ހަރަދު ނުކުރާކަން ސައީދު ފާހަގަކުރެއްވި އެވެ. އަދި ރިސޯޓްތައް ބަނގުރޫޓްވުމުން ދައުލަތުން އޭގެތެރަށް ވަދެ އެ ރިސޯޓަކަށް މާލީއެތައް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް މަސް ދޯންޏެއް ހަލާކުވެގެން ދާއިރު ސަރުކާރުގެ ލެވަލްގައި އެ ވާހަކަ ދެކެވިގެން ނުދާ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެހެންވީމަ މި ދެ ސިނާއަތުގެ ތަފާތުކުރުން އޮތްހާ ހިނދަކު މަސްވެރިންނަކަށް މަސްވެރިން ބޭނުންވާ ހަމަ އަގެއް ވެސް ނުލިބޭނެ. މަސްވެރިންގެ ހަމަ އިސްކޮޅަށް ތެދުވާކަށް އަދި ތި ވިދާޅުވީ ހައްގު މިންވަރާއި ގާތައް ވެސް އެ މީހުންގެ އުންމީދުތަކުގައި ކުލަ ޖެއްސޭނެ ފުރުސަތެއް ނުލިބޭނެ،" ސައީދު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރެ ތަމްރީން ކުރުމަށް ހޮޓެލް ސުކޫލެއް ހުންނައިރު މަސްވެރިން ތަމްރީން ކުރަން އެއްވެސް ކަމެއް ކުރޭތޯ އައްސަވައި ސައީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މަސްވެރިންނަކީ ރާއްޖޭގެ ރަށް ރަށުން އައިސްތިބި ބަޔަކަށްވާތީ އަދި މަސްވެރިކަމުގެ ދޯނިފަހަރަކީ އަތޮޅުތަކުގަ ބައްނަ ދޯނި ފަހަރަށް ވާތީ މިކަމުގައި ވިޔަފާރީތަކުގައި ހިމެނޭ ބޮޑުން ނެތީމަ މި އިންޑަސްޓްރީ މި އޮންނަނީ އަޅުގަނޑު މިދަންނަވާ ގޮތައް ނަސްލީ އިމްތިޔާޒުގެ ގޮތައް ދެ ސިނާއަތް ތަފާތު ކޮށްފައި. އެހެންވީމަ މިކަން ނައްތާލަން އަޅުގަނޑު ގޮވާލަން، ސައީދު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ އިއްޔެ ފަށާފައިވާއިރު ބިލު ފުރިހަމަ ނުވާކަން ގިނަ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް