މުސްކުޅި އަންހެން މީހާގެ އާއިލާއިން ޖެންޑާއާ މައުލޫމާތު ހިއްސާކޮށްފި

މަގުމަތިވެ ހާލުގައި ޖެހިފައިވާކަމަށް ބެލެވޭ މުސްކުޅި އަންހެން މީހާގެ އާއިލާއިން ޖެންޑާ މިނިސްޓްރީއާ މައުލޫމާތު ހިއްސާކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން އެ މުސްކުޅި އަންހެން މީހާ ގޯޅިތެރޭގައި އިށީންދެލައިގެން އިންނަތަން ފެނެ އެވެ. އޭނާ އިށީނދެގެން އިނީ ފައިވާނަކަށްވެސް ނާރަ އެވެ.

އޭނާ ހޯދުމުގެ މަސައްކަތް ޖެންޑާގެ ސޯޝަލް ސާވިސް ޑިޕާޓްމަންޓުން ރޭ ވަނީ ފަށައިފަ އެވެ.

މިނިސްޓްރީން ބުނީ އެ އަންހެން މީހާއަށް ދިމާވި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ

"މިނިސްޓްރީން މި ދަނީ ކަން ހިނގައި ދިޔަގޮތް ބަލަމުން. މި ކަން ސަމާލުކަމަށް ގެނެސް، މިނިސްޓްރީގެ މެސެޖު ޢާންމުންނާ ހަމައަށް ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރަން." މިނިސްޓްރީގެ ޓުވީޓުގައި ވެއެވެ.

އެ އަންހެން މީހާއާ ބެހޭ އިތުރު ތަފްސީލެއް ޖެންޑާއިން ނުދެ އެވެ.

ޖެންޑާ މިނިސްޓަރު މި އަހަރު ކުރީ ކޮޅު ވަނީ މާލޭގައި ސަލާން ޖަހަން މާރުކޭޓު ސަރަހައްދުގައި އުޅޭ މީހުންނާވެސް ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވައިފަ އެވެ.

އޭގެ އިތުރުން މާލޭގެ ގޯޅިތެރޭގައި ގޮދަނޑި އަޅައިގެން ނިދަމުން ދިޔަ މީހަކަށްވެސް ޖެންޑާއިން މި އަހަރު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް