ޒިފްލީން އާއި އާތިޔާއަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ޒިފްލީންއާއި އާތިޔާ ރައީސް ސޯލިހާއެކު --- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރު، ޒިފްލީން ހަސަން އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާ މެމްބަރު، އަހްމަދު އަބްދުﷲގެ އަނބިކަބަލުން އައިޝަތު ޢާޠިޔާ ނަސީރަށް ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ދީފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ތިނަދޫ ދެކުނު ދާއިރާގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ޒިފްލީންއަށް ދީފައިވަނީ، ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ.

އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ކަން ކުރެއްވި، އާތިޔާ އަށް ދީފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ.

މި ދެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު މެންދުރު ރައީސް އޮފީހުގައި ވަނީ ބައްވާފައެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި، ޒިފްލީނާއަކީ މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. ޒިފްލީނާ މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުންނެވެ. އޭނާ ތައުލީމީ ދާއިރާ އަދި އެމްޑީޕީގެ ބައެއް މަޔާމުތައް ފުރުއްވާފައެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައިވެސް ޒިފްލީން ވާދަ ކުރެއްވިއެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި އާތިޔާ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑާޝިޕް ދާއިރާއިން ނެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން އަމީނިއްޔާ ސުކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމުގައި ހުންނަވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޕްރީލް، 14، 2015 ގައި ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އާތިޔާ އެ މަގާމުން ވަކިކުރިއެވެ. ނަމަވެސް މިދިޔަ މަހު 25 ވަނަ ދުވަހު ހައި ކޯޓުން ވަނީ އަތިޔާ ޕްރިންސިޕަލް ކަމުގެ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަށް ބަދަލު ދިނުމަށް ސީއެސްސީގެ މައްޗަށް ހުކުމް ކުރިއެވެ.

އާތިޔާ އެންމެ ފަހުން އަދާކުރައްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރ ގެ މަޤާމެވެ. އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް އާތިޔާ އަދާކުރައްވާފައި ވެއެވެ.

comment ކޮމެންޓް