ލަންކާ އަސްކަރިއްޔާގެ އާ ކޮމާންޑަރާ ބެހޭ ގޮތުން އެމެރިކާ އެމްބަސީން ކަންބޮޑުވުން ފާޅުކޮށްފި

ލަންކާ އަސްކަރިއްޔާގެ ކޮމާންޑަރު ލެފްޓެނެންޓް ޖެނެރަލް ޝަވެންދުރަ ސިލްވާއާ ބެހޭ ގޮތުން އެމެރިކާ އެމްބަސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ -- ފޮޓޯ: ލަންކާ އަސްކަރިއްޔާ

ކޮލަމްބޯ (އޮގަސްޓު 19): ސްރީލަންކާއިން އެގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރު ކަމަށް ލެފްޓެނެންޓް ޖެނެރަލް ޝަވެންދުރަ ސިލްވާ އައްޔަން ކުރުމާ ގުޅިގެން އެގައުމުގައި ހުންނަ އެމެރިކާ އެމްބަސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމެރިކާއިން ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީން ނެރުނު ބަޔާނެއްގައިވާ ގޮތުން އދ. އާއި އެހެނިހެން ޖަމްއިއްޔާތަކުން ވަނީ ސިލްވާއާ ދެކޮޅަށް އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އަދި ލަންކާއިން ސިލްވާ އަސްކަރިއްޔާގެ ކޮމާންޑަރު ކަމަށް އައްޔަން ކުރުމުން ގައުމުގެ އަގު ވެއްޓި، އިންސާފަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލަންކާ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ސިލްވާ އަސްކަރިއްޔާގެ ކޮމާންޑަރު ކަމަށް އައްޔަން ކުރެއްވީ ރައީސް މައިތިރިޕާލާ ސިރިސޭނާ އެވެ.

މީގެ ކުރިން ސިލްވާގެ މައްޗަށް ވަނީ 2009 ވަނަ އަހަރު ނިމުނު ލަންކާގެ ދާހިލީ ހަނގުރާމައިގައި އާއްމު ރައްޔިތުންނާއި ހޮސްޕިޓަލްތަކަށް ހަމަލާދީ، ޓަމިލް ރައްޔިތުންނަށް އިންސާނީ އެހީ ހުއްޓުވި ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި އެހަނގުރާމައިގައި އިންސާނީ ހައްގުތަކާ ހިލާފަށް ލަންކާ އަސްކަރިއްޔާއިން އަމަލު ކުރި ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން 2013 ވަނަ އަހަރު ފާސް ކުރި ގަރާރުގައި ސިލްވާގެ ނަން ފާހަގަކޮށްފައިވެ އެވެ.

އެހަނގުރާމައަށް ފަހު 2010އިން 2015އަށް ސިލްވާ ވަނީ ލަންކާގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ ގޮތުގައި އދ.ގައި މަސައްކަތް ކުރައްވާފަ އެވެ.

comment ކޮމެންޓް