ޔާމީން އާމްދަނީ ހޯއްދަވަނީ ކިހިނެއް؟
"އަޅުގަނޑު ވިޔަފާރިއެއް ނުކުރަން، އާމްދަނީ ލިބެނީ އިމާރާތް ކުށްޔަށްދީގެން"

ވިޔަފާރި ނުކުރައްވާ ކަމަށާއި އާމްދަނީ ހޯއްދަވަނީ އިމާރާތް ކުއްޔަށް ދެއްވައިގެން ކަމަށް ކުރީ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ޓްރޭޑް މިނިސްޓަރު ކަމާއި އެސްޓީއޯގެ ޗެއާމަންކަން ކުރެއްވެވި އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދި ޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އޭނާއަށް އާމްދަނީ ލިބިވަޑައިގަންނަވަނީ ފަސް ގޮތަކުން ކަމަށެވެ.
~
"އަޅުގަނޑަށް އާމްދަނީ ލިބޭ ދިމަދިމާ ބަލާކަމަށްވަންޏާ އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. [މުލަކު ދާއިރާ] ދެވަނަ ކަމަކީ އަޅުގަނޑަކީ ޕެންޝަނަރެއް. ތިން ވަނަ ކަމަކީ އަޅުގަނޑުގެ ގޭގައިހުރި އެޕާޓްމަންޓްތައް އެހެރީ ކުއްޔަށްދީފައި. ހަތަރު ވަނަ ކަމަކީ އަޅުގަނޑުގެ ބައްޕަޔަށް އޮތް ގެ ބަހާފައި އަޅުގަނޑަށް ލިބުނު ބައި ވެސް ހަދައި އެހެރީ ކުށްޔަށްދީފަ، ކުށްޔަށްދީފައި ހުންނަތާ ކިހާޒަމާނެއްވީ އިނގޭތޯ. ފަސް ވަނަ ކަމަކީ އަޅުގަނޑުގެ އަންހެނުންގެ ބައްޕަގެ ތަރިކައިން ލިބުނު ބިންކޮޅަކުން ގެސްޓް ހައުސް ހަދާފައި އެކަށީގެންވާ އާމްދަނީއެއް ހޯދައިގެން އުޅޭމީހެއް،" އާމްދަނީ ލިބިވަޑައިގަންނަވާ ގޮތް ޔާމީން އޮޅުން ފިލުވައި ދެއްވި އެވެ. އޭނާ އަދި ވިދާޅުވީ އެތަންތަނުން އެކަށީގެންވާ އާމްދަނީއެއް ލިބުނު ނަމަވެސް އޭނާއަށް ލިބިވަޑައިގަންނަވާ އާމްދަނީ ރާއްޖޭގެ އެހެން މުއްސަދިންގެ އާމްދަނީއާއި އެންހަމަ ނުކުރެވޭނެ ކަމަށާއި އޭނާއަކީ ވިޔަފާރި ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.

އެސްޓީއޯގެ ސްރީލަންކާ ސައިފަތް ދަނޑު ޔާމީންގެ ޅިޔަނު މުހައްމަދު މަނިކަށް (އެއްލައިދޫ މަނިކު) ވިއްކާލައްވާފައިވާ ކަމަށް އެމްޑީޕީން ބުނާ ވާހަކަ އާއި ގުޅޭގޮތުން ވެސް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އޭނާ ސައިފަތް ދަނޑެއް ވިއްކާފައި ނުވާނެ ކަމަށެވެ.

"ސައިފަތް ދަނޑު ގަތީ ޅިޔަނު ހެއްޔޭ އަހައިފިއްޔާ އަޅުގަނޑު ބުނާނަން އާނއެކޭ ޅިޔަނޭ، އެކަމަކު ސައިފަތް ދަނޑު ވިއްކާލީ ޔާމީނު ހެއްޔޭ އަހައިފިއްޔާ އަޅުގަނޑު ބުނާނަން ނޫނެކޭ ޔާމީނެއް ނޫނޭ،" ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑު ޗެއާމަނަކަށް ހުރެގެން އެސްޓީއޯއަށް ބޭރު ފައިސާ ލިބޭ ވަސީލަތްތައް މަދުވެގެން ކުރި ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ސިލޯނުގައި [ސްރީލަންކާ] އިންވެސްޓްކޮށްގެން ސިލޯނުން [ސްރީލަންކާ] އެކްސްޕޯޓްކުރާ ޕްރޮޑަކްޓްސް އަޅުގަނޑުމެންނަށް ރާއްޖޭގައި ނުއުފެއްދޭތީ އެކްސްޕޯޓްކުރާ ޕްރޮޑަކްޓްސް ވިއްކާ ކުންފުނިތަކުގެ ހިއްސާ ގަނެވޭތޯ ބެލީ. އެގޮތުން ގަތް ސައިފަތް ދަނޑެއް، ސައިފަތް ދަނޑަކީ. ސިލޯނުގެ [ސްރީލަންކާ] ސައިފަތަކީ އިންޓަނޭޝަނަލް ކޮމޯޑިޓީއެއް. އެހެންވީމާ އިތުރަކަށް އަޅުގަނޑުމެން ތަހުލީލުކުރާކަށް ނުޖެހޭ. ބައިނަލް އަގުވާމީ ވިޔަފާރީގައި ހިމެނޭ ވިޔަފާރި މުދަލެއް އެއީ،"

ޔާމީން ވިދާޅުވީ އެ ސައިފަތް ދަނޑު ގަނެފައިވަނީ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން ކަމަށާއި ސައިފަތް ދަނޑު ވިއްކާލާފައި ވަނީ އޭނާ އެސްޓީއޯގެ ޗެއާމަންކަމުން ވަކިވެވަޑައިގެންނެވި ފަހުން އޭރު އޮތް އެސްޓީއޯގެ ބޯޑުން ފާސްކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ޅިޔަނު މަނިކަށް ސައިފަތް ދަނޑު ވިއްކާލީ އެސްޓީއޯއިން ބީލަމަށް ހުޅުވައިލުމުން މަނިކު ހުށަހެޅި ބީލަން ކާމިޔާބުވެގެން ކަމަށް ވެދާނެ ކަމަށެވެ. އެކަމުގައި އޭނާގެ ހިއްސާއެއް ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ މައްސަލައިގައި ވެސް ޔާމީން ވަނީ އޭނާގެ ދިފާއުގައި މިހާތަނަށް ދައްކަވާފައިވާ ހުރިހާ ވާހަކައެއް އިތުރަށް ތަފުސީލުކޮށްދެއްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު