ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ކޮމިޓީއިން ފާސްކޮށްފި

ޑީޖޭއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ) ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.

ޖުޑިޝަލް އެކަޑެމީގެ ޗާންސެލަރުގެ މަގާމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ތާއީދާ އެކު އައްޔަން ކުރާ މަގާމެކެވެ. އެމަގާމަށް މާޖިދު އައްޔަނު ކުރެވުނީ 2015 ވަނަ އަހަރު އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އިސްލާހު ކޮމިޓީ މަރުހަލާގައި ދިރާސާ ކުރި އިރު އެ އިސްލާހަށް ބައެއް މާއްދަތައް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ޖޭއެސްސީ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ފާސްވުމާ އެކު ޖުޑިޝަލް އެކަޑަމީ އުވޭނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒިފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމެންޓް އޮސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށެވެ.

ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

މާޖިދަކީ ޖުޑިޝަލް އެކަޑަމީއަށް އައްޔަން ކުރާ މަގާމެއްގައި ހުރި ބޭފުޅެއް ކަމުން އެ އިސްލާހު ފާސްވުމާ އެކު މާޖިދުގެ މަގާމު ގެއްލޭނެ އެވެ.

ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޑީޖޭއޭ ނަގައި ޖޭއެސްސީގެ ދަށަށް ގެންދަންވެސް ޖޭއެސްސީ ގާނޫނަށް އިސްލާހު ހުށަހަޅައި އެގޮތަށް ވަނީ ކޮމިޓީއިން މިރޭ ފާސްކޮށްފަ އެވެ.

https://sun.mv/120827

ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީއިން ފާސްކޮށްފައިވަނީ އެ އިސްލާހު ފާސްވާ ހިސާބުން "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި އިދާރާއެއް އުފެދޭނެ ގޮތަށެވެ. އަދި އެ އިދާރާ އުފެދުމާއެކު މިހާރު ހިންގަމުން އަންނަ ޑީޖޭއޭ އުވި އެ އިދާރާގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތާއި މާލީ އަދި މަދަނީ ޒިންމާ ތަކާއި ހައްގުތައް އަލަށް އުފައްދާ އިދާރާގެ ދަށަށް ބަދަލުވާނެ އެވެ.

މިހާރު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއްވެސް ހަމަ އެގޮތަށް ކުރަން ޖެހޭ ގޮތަށް ޖޭއެސްސީ ގާނޫނުގައި ލިޔެފައިވެ އެވެ. އެކަމަކު ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ ޖޭއެސްސީއިން އަންގާ ގޮތުގެ މަތިން ކަމަށް ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެ އިސްލާހު ފާސްވެ އަލުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރާ ހިސާބުން މިހާރު ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ މާގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމުވެސް ގެއްލޭނެ އެވެ. އެގޮތަށް ކޮމިޓީއިން ވަނީ އިސްލާހުކޮށްފަ އެވެ.

ޗީފް ޖުޑިޝަލް އެޑް މިނިސްޓްރޭޓަރަކަށް މީހަކު އައްޔަން ކުރުމުގެ ބާރު ބިލުން ދީފައިވަނީ ޖޭއެސްސީއަށެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް