ތުލުސްދޫ ޝިހާމް މަރާލެވުނީ މަސްތުގެ ހާލުގައި ހުރުމުން، މައާފަށް އެދެން: ގާތިލް

ޝިހާމް މަރާލި ކަމަށް އިއުތިރާފްވި ނިޔާޒު: އޭނާ ވަނީ އެކުށަށް މައާފަށް އެދިފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ކ. ތުލުސްދޫ ބިޖިލީއުފާ އަލީ ޝިހާމަށް ވަޅިން ހަމަލަދީ މަރާލެވުނީ މަސްތުގެ ހާލުގައި ހުރުމުން ކަމަށާއި އެކަމަށް ޓަކައި މައާފަށް އެދޭ ކަމަށް އޭނާ އަށް ވަޅިން ހަމަލާ ދިން އެ ރަށު ރެޑްރޯސް މުހައްމަދު ނިޔާޒު ބުނެފި އެވެ.

ނިޔާޒު އެހެން ބުނެފައި ވަނީ 2014 ވަނަ އަހަރު ހިނގި އެ ހާދިސާއަށް އޭނާ އިއުތުރާފް ވެފައި ވަނިކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.

އެ މައްސަލާގައި ދައުލަތުން އުފުލި، ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވެ ނިޔާޒަށް ހުކުމްކޮށްފައި ވަނީ މަރަށް މަރުހިފުމަށެވެ. އަދި އެ މައްސަލަ ދައުލަތުގެ ފަރާތުން ޕީޖީން އިސްތިއުނާފް ކުރީ ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ނިންމުމެއްކަން ކަށަވަރު ކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ނިޔާޒު އިނީ ވަކީލަކާ ނުލައި އެކަންޏެވެ. އަދި މައްސަލައަށް އިއުތިރާފްވެފައި ވާތީ އޭނާ ކުރިއަށް ދާން ބޭނުން ވަނީ ވެސް ވަކީލަކާ ނުލައި ކަމަށް ބުނެފަ އެވެ.

އެކަން ހިނގައި ދިޔަ ގޮތް ކުރު ގޮތަކަށް ކިޔައިދެމުން ނިޔާޒު ބުނީ، ޝިހާމަށް ހަމަލާ ދިން އިރު އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުގެ ހާލުގައި ކަމަށެވެ. އަދި ވަޅިން ހަމަލާ ދިނީ އެއްވެސް ހާލެއްގައި މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ކިޔައިދިނެވެ. އެހެން ނަމަވެސް އޭނާ ދިން ހަމަލާއިން ޝިހާމް މަރުވުމުން އެކަމަށް ޓަކައި "ވަރަށް ބޮޑަށް މައާފަށް އެދޭކަމަށް" މަޑު މޮޅި ރާގަކަށް އޭނާ ބުންޏެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޝިހާމަށް ވަޅިން ހަމަލާދިނީ، މަރާލުމުގެ ގަސްދު އޮވެގެން ނޫން ކަމަށް ނިޔާޒު ބުނިކަމުގައިވީ ނަމަވެސް، 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 6:50 އެހާކަންހާއިރު ނިޔާޒު އޭނާގެ ގެއިން 11 އިންޗީގެ ވަޅިއެއް ހިފައިގެން ގޮސް އެ ރަށު ދުންފަޅުގޭގެ އިރު އުތުރު ފާރާތު ގަހެއްގައި އެލުވާލާފައި އޮތް ޖޯއްޔެއްގައި ޝިހާމް އޮއްވައި، ގޮސް އެވަޅި ޝިހާމުގެ ގަޔަށް ހަރާލި ކަމަށް ޝަރީއަތުގައި ނިޔާޒު ބުނެފައި ވާތީއާއި ޝިހާމް މަރުވެފައި ވަނީ، އެ ހަމަލާގެ ސަބަބުން ކަމަށް ޝަރީއަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

ޝިހާމުގެ ވާރިސުންގެ ތެރެއިން އޭނާގެ ބައްޕަ ފަރާތު މާމައާއި އޭނާގެ އަންހެނުން، ގިޞާސް ހިފަން ބޭނުން ކަމަށް ބުނެފައި ވާތީ އާއި އަދި ބާލިޣުނުވާ އޭނާގެ ދެ ދަރިންގެ ފަރާތުން އޭނާގެ އަންހެނުން އެ ދެކުދިންގެ ފަރާތުން ވެސް މަރަށް މަރުހިފަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

https://sun.mv/44564

ބާލިޣުނުވާ ކުޑަކުދިން ތިބި ނަމަ، މަރުގެ މައްސަލަތަކުގައި އަމަލުކުރާނޭ ގޮތަކާ މެދު އެކުދިންގެ ފަރާތުން އެކުދިންގެ މަންމައަށް ގޮތެއް ނިންމިދާނޭ ކަމަށް މާލިކީ މަޒުހަބުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެ ނުކުތާ ސާފުކޮށް ދެއްވުމަށް އެދިވަޑައިގަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ނިޔާޒު ވިދާޅުވީ، ގާނޫނު އަސާސީގައި އޮންނަނީ އެފަދަ މައްސަލަތަކުގައި މަޒުހަބްތަކުގެ ރައުޔު ހޯދުން ނޫން ކަމަށާއި ގާނޫނު އަސާސީގައި ބުނެފައި ވަނީ، އިތުބާރު ހިފޭ އިލްމްވެރިންގެ ބަސް ހޯދުން ކަމަށެވެ. އެހެން ކަމުން ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލުން އެދިފައި ވަނީ އެކަން ސާފުކޮށްދިނުމަށް އިތުރު އަޑުއެހުމެއް ބާއްވައި ދެއްވުމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމީ މަރުގެ މައްސަލައަކަށް ވުމާ އެކުގައާއި އެކަމަކީ ދިރާސާތަކެއް ކޮށްގެން ވަގުތު ބޭނުންވާނެ ކަމަކަށް ބެލެވޭތީ އިތުރު ވަގުތު ދިނުމަށް ފަހު އަޑުއެހުމެއް ބޭއްވުމަށެވެ.

އަޑުއެހުން ނިންމާލުމުގެ ކުރިން ވެސް އިސް ފަނޑިޔާރު ޝުއައިބް ހުސައިން ވަނީ ނިޔާޒަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އޮތްކަން ހަނދާން ކޮށްދެއްވައިފަ އެވެ. ތަކުރާރުކޮށް ފަނޑިޔާރުން އެހެން ވިދާޅުވުމުން ނިޔާޒު ބުނީ، އޭނާ ކުރި ކުށަށް އިއުތިރާފްވެފައި ވާތީ އިތުރު ދޮގުތަކެއް ހެދުމުގެ ބޭނުންމެއް ނެތުމުން ވަކީލަކު ބޭނުން ނުވާ ކަމަށެވެ.

comment ކޮމެންޓް