ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފުޓުބޯޅަ ލީގެއް ރާއްޖޭގައި ބާއްވަނީ

ފޯކައިދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފުޓުބޯޅަ ލީގެއް ބޭއްވުމާ ބެހޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

މިއަހަރުގެ ކުރީކޮޅު އެފްއޭއެމްގެ ރައީސް ބައްސާމާއި ކުޅިވަރާ ބެހޭ މިނިސްޓަރާ ދެމެދު ކޮންމެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދި ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް ހިނގައިދިޔަ ނަމަވެސް މިހާރު އެ ދެ ބޭފުޅުން އަންނަނީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުޓުބޯޅަ ކުރިއެރުވުމަށް ކުރައްވަން ޖެހޭ ހުރިހާ މަސައްކަތެއްގައި ޔޫތު މިނިސްޓްރީން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ ރައީސާއި ބައްދަލުކުރައްވައި ފުޓުބޯޅަ ކުރިއެރުވުމާ ބެހޭ ގޮތުން ވާހަކަދެކެވިފައިވާ ކަމަށެވެ.

"ފުޓުބޯޅަ ޕްރޮމޯޓުކުރުމާއި ތަރައްގީކުރުމާ ބެހޭ ގޮތުން މިއަދު ބައްސާމާއި ވަނީ ބައްދަލުކުރެވި ވާހަކަ ދެކެވިފައި. މި ބައްދަލުވުމުގައި، ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ލީގެއް ފެށުމާ ބެހޭ ގޮތުން ވާހަކަ ދެކެވުނު،" މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެފްއޭއެމްއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ.

ރާއްޖޭގައި މީގެ ފަސް އަހަރު ކުރިން "މިނިވަން 50" ގެ ނަމުގައި ވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން މުބާރާތްތަކެއް ބާއްވާފައެވެ. އެއީ އެކި ޒޯންތަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނައަށް ދާ ޓީމުތައް އަނެއް ޒޯނާއި ކުޅެ މުޅި މުބާރާތުން އެންމެ ރަނގަޅު ޓީމުތައް ފުރަތަމަ ޑިވިޝަނަަށް ކޮލިފައިވާ ގޮތަށް ކުޅުނު މުބާރާތެކެވެ.

އެ މުބާރާތުގެ ސަބަބުން އަތޮޅުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ފެނި ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް