ދައުލަތުގެ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ކުރިތޯ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމެޓީން ވަނީ މިދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ކުރިތޯ ބެލުމަށް ނިންމާފައި --- ފޮޓޯ: މަޖިލިސް

މިދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ކުރިތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

ސަރުކާރު ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދުކުރިތޯ ބެލުމަށް މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.

އެގޮތުން ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކަށް މާލިއްޔަތު ކޮމެޓީން ވަނީ، ސިޓީ އެއް ފޮނުވައި އެ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރުމަށް މިދިޔަ ފަސް އަހަރުގައި އެއްވެސް ހަރަދެއް ކޮށްފައިވޭތޯ ބެލުމަށް އެދިފަ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ބައެއް ކުންފުނިތަކުން ސިޔާސީ ކަންކަމަށް ކޮށްފައިވާ ހަރަދުތައް ކަމަށް ބުނެ ފޮނުވާފައިވާ މައްސަލަތައް ހިއްސާ ކޮށްފަ އެވެ.

އޭގެ ތެރޭގައި އާސަންދަ ކުންފުނިން ހިތާނީ ކޭމްޕަށާއި ވެސްޓް ޕާކްގެ ކަމަކަށް 9.5 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް އެ ކުންފުނީގެ ސިޓީގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވަސް އިން ގާޒާ ފަންޑަށް އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިން ކަމަށް ވަނީ އަންގައިފަ އެވެ. ނަމަވެސް ގާޒާ ފަންޑަށް ހަދިޔާ ކުރި ފައިސާއަކީ ސިޔާސީ ކަމެއް ނޫން ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިިޒް ވިދާޅުވި އެވެ.

comment ކޮމެންޓް