ފުރަތަމަ ހަ މަސް ދުވަހު ފަތުރުވެރިކަމަށް 18.7 ޕަސެންޓް ކުރިއެރުމެއް

ފަތުރުވެރިން. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ --- ފައިލް ފޮޓޯ

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 862،589 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 18.7 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

މިނިސްޓްރީ އިން ބުނީ އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތާއި، މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ޓޫރިސްޓު ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތަށް ބިނާކޮށް، ތައްޔާރު ކުރި ތަފާސް ހިސާބުތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން އައިސްފައިވާ ކަމަށް ދައްކާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ޖޫން މަހު ރާއްޖެއަށް 113،475 ފަތުރުވެރިން އައިސްފައިވާ ކަމަށާއި، އެއީ ކުރީ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 21 ޕަސެންޓު އިތުރު އަދެއް ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުހެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. ރާއްޖެ އައި ފަތުރުވެރިންގެ 50.3 ޕަސެންޓު އަކީ ޔޫރަޕުގެ އެކި ގައުމުތަކުގެ މީހުންނެވެ.

އެގޮތުން ޖޫން މަހުގެ ނިޔަލަށް މިސަރަހައްދުން ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 16.5 ޕަސެންޓު ކުރިއެރުމަކާއެކު، 433،847 އަށް ވަނީ އަރައިފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 40.4 ޕަސެންޓުގެ ހިއްސާއަކާ އެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ. އެއީ 348،779 ފަތުރުވެރިންނެވެ.

ވަކިވަކި މާކެޓްތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ޗައިނާ އިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިންނެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ވަކިވަކި މާކެޓް ތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ ރޭޓަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް އޮކިއުޕެންސީ ރޭޓް ވަނީ 2.4 ޕަސެންޓް އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ޖޫން މަހުގެ ނިޔަލަށް ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ އޮކިއުޕެންސީ ހުރީ 66 ޕަސެންޓުގައި ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 2.4 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ 48،825 އެނދުގެ ތެރެއިން އެވްރެޖްކޮށް 45،772 އެނދު އޮޕަރޭޓް ކުރެވިފައިވާ ކަމަށާއި މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު 14.7 ޕަސެންޓު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި މުއްދަތުގައި އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.3 ދުވަސް ހޭދަކޮށްފައި ވީނަމަވެސް، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.3 ޕަސެންޓު ދަށްވުމެކެވެ.

comment ކޮމެންޓް