ގޭންގްތަކުން ކުޑަކުދިން ބޭނުންކުރުން ގާނޫނީ ކުށަކަށް ހަދަނީ

ގޭންގް މާރާމާރީ މައްސަލައެއްގައި ބަޔަކު ހައްޔަރު ކުރަނީ: ގޭންގްތަކުން ކުޑަކުދިން ނާޖާއިޒް ފައިދާ ނަގުން ގާނޫނީ ކުށަކަށް ހަދަނީ --- ސަން ފޮޓޯ

ގޭންގްތަކުން ކުށްކުރުމަށް ކުޑަކުދިން ބޭނުން ކުރުން ގާނޫނީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީން ލަފާ ދީފި އެވެ.

ގާނޫނުން 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ލިބޭ ލުއިތަކުގެ ސަބަބުން ގޭންގަތަކުން ކުށްކުރުމަށް ކުޑަކުދިން އަންނަނީ ވަރަށް ބޮޑަށް ބޭނުން ކުރަމުންނެވެ. އެއާއެކު ގޭންގްތައް އުފެދުނީއްސުރެ ކުޑަކުދިން ކުށް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ގޭންގްތަކުން ކުޑަކުދިންގެ ނާޖާއިޒް ފައިދާ ނެގުން އިތުރުވެފައިވާތީ، އެ މައްސަލަ ދިރާސާކުރުމަށްފަހު ޖެންޑާ ކޮމިޓީން މިއަދު ވަނީ މައްސަލަ ދިރާސާ ކުރެއްވި ގޮތުގެ ރިޕޯޓާއި ގަރާރެއް މަޖިލީހަަށް ހުށަހަޅާފަ އެވެ.

މައްސަލަ ދިރާސާ ކުރުމަށްފަހު، މައްސަލަ ހައްލުކުރުމަށް ޖުމްލަ ހަ ކަމެެއް ގަރާރުގައި ވަނީ ހިމަނާފަ އެވެ.

ގަރާރުގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ، ގާނޫނު އަސާސީން ދައުލަތައް މަތިކޮށްފައިވާ ޒިންމާއެއްކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް، ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމަކީ ވަކި ކުށެއްގެ ގޮތުގައި ރާއްޖޭގެ އެއްވެސް ގާނޫނެއްގައި މިހާނަތަށް ކަނޑައާޅާފައި ނުވާ ކަމަށް ގާރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެކަމަކީ ވަކި އުގޫބާތެއް ކަނޑައެޅިފައި ނުވާ ކަމަކަށް ވެފައި، ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާ ނަގާ ފަރާތްތަކަށް އެއްވެސް އަދަބެއް ދެވިފައި ނުވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އެގޮތުން ގާރާރުގައި ބުނެފައިވަނީ، އެކަމަށް ގާނޫނީ ހައްލެއް ހޯދައި އެކަމަކީ ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ގަރާރުގައި އިތުރަށް ކުރަން ހިމެނި ކަންތައް:

  • ކުޑަކުދިން ހައްގުތަކާ ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުުލުގެ ބިލާއި ތައުލީމުގެ ބިލު، ސަރުކާރުގެ ފަރާތުން މި ތިން ބިލުވެސް އެއްފަހަރާ މަޖިލީހަށް ފޮނުއްވައި ދެއްވާ އެ ބިލުތައް އަވަސްކުރުން.
  • ކުޑަކުދިންނާ ބެހޭ ބިލްތައް ޑްރާފްޓް ކުރާ އިރު، ގޭންގްތަކުން ކުޑަކުދިން ބޭނުން ކުރުން އިތުރުވާ މައްސަލައަށް ރިއާޔަތް ކުރުން.
  • މައްސަލަ ހައްލުކުރުމަށް ބަޖެޓް ހަމަޖެއްސުން.
  • ކަމާ ގުޅުންހުރި މުއަސަސާތަކުން މައްސަލަ ހައްލުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި، ކުށްކުރުމަށް ހުރި ހުރިހާ ފުރުސަތެއް ނައްތާލުން.
  • ސަޕްލިމަންޓަރީ ބަޖެޓް ފާސްކުރާއިރު، ޖުވެނަލް ޖަސްޓިސް ޔުނިޓަށް އެކަށީގެންވާ ބަޖެޓް ފާސްކޮށްދިނުމަށް މެމްބަުރުން އިގުރާރުވުން.

ގަރާރުގައި އަވަސް ކުރުމަށް ހިމަނާފައިވާ ތިން ބިލްގެ ތެރެއިން ދެ ބިލެއް މިހާރު ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފަ އެވެ. އެއީ ކުޑަކުދިން ހައްގުތަކާ ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުުލުގެ ބިލެވެ. ތައުލީމީ ބިލު އަދި މަޖިލީހަށް ނުފޮނުއްވަ އެވެ.

ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 15 އަހަރަށް މަތިކުރުމަށް ކުޑަކުދިންގެ އަދުލުގެ ބިލުގައި ވަނީ ހިމަނާފަ އެވެ.

ޖުވެނަލް ޖަސްޓިސް ޔުނިޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެ ޔުނިޓަށް 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ކުޑަ ކުދިން ކުށް ކުރުމާ ގުޅޭ 1،280 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ. މި މައްސަލަތަކުގައި ގިނައި ގްރޭޑް އަށަކުން ފެށީގެން ސުކޫލުން ވަކިވާ ކުދިން ނުވަތަ ސުކޫލަށް ދިޔުން ހުއްޓާލާ ކުދިންނެވެ.

ވޭތުވެ ދިޔަ އަށް އަހަރަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނާ ގުޅޭ މާރާމާރީގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 25 މައްސަލަ އެ ޔުނިޓަށް ވަނީ ހުށަހެޅިފައިވެ އެވެ. ފާއިތުވީ އަހަރުތަކުގައި ގޭންގް މާރީމާރީތަކުގައި ކުޑަކުދިން މަރުވެފައިވެސް އެބަހުއްޓެވެ.

ގޭންގްތައް ހިންގުމާއި، ގުރޫޕު މާރާމާރީ ހުންގުމަކީވެސް ގާނޫނީ ކުށެކެވެ. އެކަމަކު ރާއްޖޭގައި ހާއްސަކޮށް ވެރިރަށް މާލޭގައި ގޭންގްތައް ހިންގުމާއި ގޭންގްތަކަށް ހާއްސަ ޖަގަހަތައް ހިންގުމަކީ އާންމު ކަމެކެވެ. މިހާތަނަށްވެސް އެކަން ހުއްޓުވިފައެއް ނުވެ އެވެ.

comment ކޮމެންޓް