މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ 1އެމްޑީބީ ޝަރީއަތް ފަސްކޮށްފި

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އެއް ޝަރީއަތް މިއަދު ވަނީ ފަސްކޮށްފަ -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (އޮގަސްޓު 19): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން ބާއްވާ ފަސް ޝަރީއަތުގެ ތެރެއިން އެންމެ ބޮޑު ޝަރީއަތް މިއަދު ފަސްކޮށްފި އެވެ.

އެޝަރީއަތް ފަސް ކުރީ، 1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ޝަރީއަތް ނިމެންދެނެވެ. އަދި މިއަދު ފަސް ކުރި ޝަރީއަތުގެ އަޑު އެހުމެއް ދެން ބާއްވާނީ އަންނަ ހޯމަ ދުވަހު ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވި އެވެ.

ނަޖީބުގެ މައްޗަށް ވަނީ މިހާތަނަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ 42 ދައުވާއެއް ކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.

ވަންއެމްޑީބީއަކީ 2009 ވަނަ އަހަރު ނަޖީބު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށް އުފެއްދި އިންވެސްޓްމެންޓް ފަންޑެކެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ވަނީ އަގުބޮޑު ޕްރައިވެޓް ޖެޓާއި ގެތަކާއި ޔޮޓެއް ގަތުމަށެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީން ނަޖީބުގެ އެކައުންޓަށް ފޮނުވި ޖުމްލަ ފައިސާގެ އަދަދު 681 މިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ބެލި ކޯޓަކުން ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން އޭނާއަށް އެރުވި ހަދިޔާއެއް ކަމަށް ނިންމާފައި އެވެ.

އެމައްސަލައިގައި ނަޖީބު ކުށްވެރި ނުވާ ކަމަށް އޭރު ކޯޓުން ނިންމި ނަމަވެސް މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު ވަނީ އެމައްސަލައިގެ ތަހުގީގު އަލުން ފައްޓަން އަމުރު ކުރައްވައިފަ އެވެ. އެތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނަޖީބާ ގުޅުން ހުރި ހަ އެޕާޓްމެންޓެއް ފާސްކޮށް، އެއެޕާޓްމެންޓުތަކުން ފެނުނު ތަކެތީގެ އަގު 275 މިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފަ އެވެ.

އެމައްސަލާގައި ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށްވެސް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް