ނަން ބަދަލުކުރުމަށް ފަހު އީރާނުގެ ތެޔޮ ޓޭންކަރު ޖިބްރޯލްޓާގެ ބަނދަރުން ފުރައިފި

އީރާނުގެ ޓޭންކަރު ޖިބްރޯލްޓާއިން ފުރައިގެން ދަނީ

ޖިބްރޯލްޓާ (އޮގަސްޓް 19) : ޖިބްރޯލްޓާ އިން ހިފެހެއްޓުމަށް ފަހު ދޫކޮށްލި އީރާނުގެ ތެޔޮ ޓޭންކަރު "ގްރޭސް 1" އެސަރަހަދުގެ ބަނދަރުން ފުރައިފި އެވެ.

"ގްރޭސް 1" ފުރީ އޭގެ ނަން "އެދްރިޔާން ދާރިޔާ" އަށް ބަދަލުކުރުމަށްފަހުގަ އެވެ. އީރާނުގެ ތެޔޮ ޓޭންކަރު ފުރުމުގެ ފުރުސަތު ޖިބްރޯލްޓާ އިން ދީފައި މިވަނީ އެ ޓޭންކަރު އަލުން ހިފެހެއްޓުމަށް އެމެރިކާ އިން އިއްޔެ އެންމެ ފަހުން ކުރި އިލްތިމާސަށް ވެސް ޖިބްރޯލްޓާގެ ސްޕްރީމް ކޯޓުން ދެކޮޅު ހެދުމަށްފަހުގަ އެވެ. މީގެ ދެ ދުވަސްކުރިން އެ ޓޭންކަރު މިނިވަން ކުރުމުން ވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އެ ޓޭންކަރު އަލުން ހިފެހެއްޓުމަށް ޖިބްރޯލްޓާއަށް އަންގައިފަ އެވެ. އެމެރިކާގެ އެ އެދުމަށް ވެސް ޖިބްރޯލްޓާއިން އިޖާބަ ދީފައެއް ނުވެ އެވެ.

އީރާނުގެ ތެޔޮ ޓޭންކަރު ރޭ ދަންވަރު ޖިބްރޯލްޓާގެ ބަނދަރުން ފުރާފައި މިވަނީ ވެސް އެ ޓޭންކަރު އަލުން ހިފެހެއްޓުމަށް އެދި އެމެރިކާ އިން ޖިބްރޯލްޓާގެ ކިބައިން އެދެމުން ދަނިކޮށެވެ. ޖިބްރޯލްޓާއިން އެމެރިކާއަށް ކިޔަމަން ނުވުމުން އެންމެފަހުން އެމެރިކާގެ ކޯޓަކުން ވަނީ އެޓޭންކަރު ހިފެހެއްޓުމުގެ އަމުރެއް ވެސް ނެރެފަ އެވެ. ނަމަވެސް އެމެރިކާގެ އިޚްތިސާސް ހިނގާ ސަރަހައްދެއްގައި އެ ޓޭންކަރު ނެތުމުން އެމެރިކާއަށްވަނީ އެޓޭންކަރު އަތުލައިގަނެވޭ ގޮތް ނުވެފަ އެވެ.

އީރާނުން ވަނީ އެގައުމުގެ ޓޭންކަރު ބައިނަލްއަގްވާމީ ކަނޑުގައި ދަތުކުރުކާއިރު އެއާ ދެކޮޅަށް ކަނޑުފޭރުމުގެ އަމަލެއް ނުހިންގުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ. އެމެރިކާ އިން ކަނޑުފޭރުމުގެ އަމަލެއް ހިންގައިފި ނަމަ ނަތީޖާ ގޯސްވާނެ ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ. އަދި އެމެރިކާގެ އުނދަނގޫ މާބޮޑުވެއްޖެ ނަމަ އީރާނުގެ ތެޔޮ ޓޭންކަރުތައް ހިމާޔަތްކުރުމަށް ޓަކައި އީރާނުގެ އަސްކަރީ މަނަވަރުތައް ބައިނަލްއަގްވާމީ ކަނޑުތަކަށް ފޮނުވަން ތައްޔާރަށް އޮތްކަމަށް ވެސް އީރާނުންވަނީ ބުނެފަ އެވެ.

އީރާނުގެ ޓޭންކަރު "އެދްރިޔާން ދާރިޔާ" ޖިބްރޯލްޓާއިން ފުރައިގެން މިހާރު ދަތުރު ކުރަމުންދަނީ ކޮން ބަނދަރަކަށް ކަން އެނގިފައެއް ނުވެ އެވެ. މިދިޔަ މަހުގެ ކުރީކޮޅު ޖިބްރޯލްޓާ ކަނޑު އޮޅި ހުރަސްކުރަނިކޮށް އިނގިރޭސި ކަނޑުގެ ސިފައިން އީރާންގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމުން އީރާނުން ވަނީ އެއި ކަނޑު ފޭރުމުގެ އަމަލެއްކަމަށް ސިފަކޮށްފަ އެވެ. އެއަށް ފަހު އީރާނުން ވަނީ ކަނޑު ދަތުރުފަތުރުގެ ގަވައިދާ ކިލާފުވި ކަމަށްބުނެ ހުރްމުޒް ކަނޑުއޮޅިން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ. އަދި ވެސް އެޓޭންކަރު އޮތީ އީރާންގެ ބަނދަރެއްގައި ބެލުމުގެ ދަށުގަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު