ޒިންމާދާރު ކަމާ އެކު އޮޕަރޭޓު ކުރާނެ ޕާޓީއެއް ރައްޔިތުން ބޭނުންވޭ: ޖާބިރު

ޖާބިރު ދަތުރުފުޅު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް ރައްޔިތުން ބޭނުންވާކަން ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުން އެނގިވަޑައިގެންފި ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ، އޭނާ ގއ އަތޮޅަށާއި، ގދ އަތޮޅަށާއި ފުވައްމުލަކަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"މި ހަތަރު އަތޮޅަށް ކުރި ދަތުރުން ފެނިގެން ދިޔަ، ރައްޔިތުން އަބަދުވެސް ބޭނުންވޭ ޒިންމާދާރު ކަމާ އެކު އޮޕަރޭޓު ކުރަން އިތުރު ޕާޓީއެއް މަސައްކަތް ކުރަން،" ޖާބިރު ވިދާޅުވި އެވެ.

އޭނާގެ ދަތުރުފުޅުގައި މަސްވެރިންގެ ޝަކުވާތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޝަކުވާ އަޑުއިވިގެން ދިޔަ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެގޮތުން، ޓޫރިޒަމް ދާއިރާގައި ބިދޭސީ މުވައްޒަފުން ގިނަވުމުގެ ޝަކުވާ އިވުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މަސްވެރިންވެސް ބޭނުންވާ ހާއްސަ ކަންތައްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން މި މައްސަލަތަކަށް ހައްލު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަށް ފުދޭ ވަރަކަށް ތަރުހީބު ލިބިގެން ދިޔަ. އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ ތެރެއިން ފުދޭ ވަރަކަށް ބޮޑު އަދަދެއްގެ މީހުން ޑީއާރްޕީއަށް ސޮއި ކުރާނެ ކަމަށް. މިހާރުވެސް ސޮއި ކުރަމުން ދަނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ޑީއާރްޕީގެ ލީޑަރު ކަމާ ހަވާލުވެވަޑައިގަތީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެފަހުން ޑީއާރްޕީއިން ވަނީ 3000 މީހުންގެ ސޮއި ހަމަކޮށްފައެވެ. މިހާރު ޑިއާރުޕީގެ ގައުމީ ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

ޑީއާރްޕީގެ ލީޑަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޖާބިރު ވިދާޅުވެފައި ވަނީ އެ ޕާޓީއަށް ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްވެސް ސޮއި ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް