ސޫދާނުގައި ފުރިހަމަ ޑިމޮކްރަސީއެއް ގާއިމް ކުރަނީ

ސޫދާނުގެ "ދަސްތޫރީ އިއުލާން" ގައި ސޮއިކުރަނީ

އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ސޫދާން ގައި ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ކުރުމަށްޓަކައި އެގައުމުގެ އަސްކަރީ މަޖިލީހާއި އިދިކޮޅު ކޯލިޝަނުން ސޮއިކުރި "ދަސްތޫރީ އިއުލާން" އާ ގުޅިގެން މުޅި ސޫދާނުގައި އުފާފާޅު ކުރުމުގެ ކަންތައް ކުރިޔަށް އެބަދެއެވެ.

ސޫދާނުގެ ރައްޔިތުން އުފާފާޅު ކުރަމުން ގެންދަނީ "ދަސްތޫރީ އިއުލާން" ގައި ސޮއިކުރުމަކީ ސޫދާނަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ފާއިތުވި އަށެއްކަ މަސްތެރޭގައި ރައްޔިތުންގެ ގިނަ ބައަކުވީ ގުރްބާނީ ތަކަށް ލިބުނު ތާރީޚީ ކާމިޔާބެއް ކަމަށް ބަލައިގެންނެވެ. މިގުރްބާނީ ތަކުގެ ތެރޭގައި އަށެއްކަ މަސްވަންދެން މަގުތަކަށް އެއްވެ މުޒާހަރާތައް ކުރުމާއި މުޒާހަރާތަކާ ދެކޮޅަށް ސޫދާން ސިފައިން ބާރުގެ ބޭނުންކޮށްގެން އެތަށް ބަޔަކު މަރުވި މަރުވުމާއި އެތަށް ސަތެކަ ބަޔަކު ޒަޚަމްވުން ހިމެނެއެވެ. އަދި ވާދަވެރި އިދިކޮޅު ފަރާތްތައް އެއްގަލަކަށް އެރުމަކީވެސް ކާމިޔާބީއެކެވެ.

ސޫދާނުގެ ކުރީގެ ރައީސް އުމަރުލްބަޝީރުގެ ވެރިކަން ވެއްޓުނީ ޑިމޮކްރަސީ އަށް ޓަކައި ސޫދާން ރައްޔިތުން ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. އަދި މިހާރު ވެރިކަން ކުރާ އަސްކަރީ މަޖިލީހުންވެސް ގޮތްދޫކޮށް ޑިމޮކްރެޓިކް ވެރިކަމެއް އުފެއްދުމަށްޓަކައި މަދަނީ އިންތިގާލީ މަރްހަލާއަކަށް އެއްބަސްވީ އިދިކޮޅު ކޯލިޝަންގެ މި ގުރްބާނީ ތަކުގެ ސަބަބުން ކަމަށް ރައްޔިތުން ދެކެއެވެ.

ސޫދާނުގެ އަސްކަރީ މަޖިލީހުގެ ނައިބު ރައީސް އާއި އިދިކޮޅު ކޯލިޝަންގެ ލީޑަރު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސަލާމް ކުރައްވަނީ

އެހެންކަމުން ސޫދާނަށް ޑިމޮކްރަސީ ގެނައުމުގެ "ދަސްތޫރީ އިއުލާން" ގައި އެގައުމުގެ އަސްކަރީ މަޖިލީހާއި އިދިކޮޅު ކޯލިޝަނުން ސޮއިކުރި ސޮއިކުރުން ވެގެންގޮސްފައިވަނީ މުޅި ސޫދާނަށް ހަމަޖެހުމާއި ސުލްޙައާއި ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމްކުރަން ލިބިގެންދިޔަ ރަނުގެ ފުރްސަތެއްކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު ދެކެއެވެ.

އިއްޔެ "ދަސްތޫރީ އިއުލާން" ގައި އަސްކަރީ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވީ އެ މަޖިލީހުގެ ނާއިބު ރައީސް މޭޖާ ޖެނެރަލް މުޙައްމަދު ޙަމްދާންއެވެ. އިދިކޮޅު ކޯލިޝަން ގެ ފަރާތުން ސޮއިކުރެއްވީ އެކޯލިޝަންގެ ލީޑަރެއްކަމަށް އަޙްމަދު ރަބީޢު އެވެ. މިރަސްމިއްޔާތުގައި ބޭރުގެ އެތަށް ގައުމެއްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

"ދަސްތޫރީ އިއުލާން" ގެ ދަށުން ސޫދާނަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެކުލަވާލާ މަދަނީ އިންތިގާލީ ސަރުކާރުގެ މުއްދަތަކީ 3 އަހަރާއި 3 މަހެވެ. "ދަސްތޫރީ އިއުލާން" ގެ ދަށުން "ސިޔާދީ ކައުންސިލް" އަކާއި އިންތިގާލީ ސަރުކާރަކާއި ގާނޫނު ހަދާ ކައުންސިލެއްވެސް އުފައްދަންޖެހެއެވެ. "ސިޔާދީ ކައުންސިލް" އަކީ އިންތިގާލީ މަރްހަލާގައި ސޫދާނުގެ ރިޔާސަތެވެ. ގާނޫނު ހަދާ ކައުންސިލަކީ އިންތިގާލީ މަރްހަލާގެ ޕާލަމެންޓެވެ. މީގެތެރެއިން "ސިޔާދީ ކައުންސިލް" ގެ މެންބަރުން މާދަމާ ހުވާކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ސިޔާދީ ކައުންސިލް" އެކުލެވިގެންވަނީ 11 މެންބަރުންގެ މައްޗަށެވެ. އޭގެތެރެއިން އަސްކަރީ 5 މެންބަރުން ކަނޑައަޅާނީ ސޫދާނުގައި މިޙާރު ވެރިކަންކުރާ އަސްކަރީ ކައުންސިލުންނެވެ. މަދަނީ 5 މެންބަރުން ކަނޑައަޅާނީ އިދިކޮޅު ކޯލިޝަނުންނެވެ. "ސިޔާދީ ކައުންސިލް" ގެ 11 މެންބަރުން ހޯމަދުވަހު މަގާމުގެ ހުވާކުރުމަށް ހަމަޖެހިފައިވާއިރު އެމަޖިލީހުގައި ހިމެނޭ 11 ވަނަ މެންބަރަކީވެސް މަދަނީ މެންބަރެކެވެ. އެމެންބަރު ކަނޑައަޅާނީ އެކައުންސިލްގެ ތިން ބައިކުޅަ ދެބައި އަޣްލަބިއްޔަތުންނެވެ. އެކަން ކުރާނީ "ސިޔާދީ ކައުންސިލް" ގައި ހިމެނޭ އަސްކަރީ ފަސްމެންބަރުންނާއި މަދަނީ ފަސްމެންބަރު ހުވާކުރެއްވުމަށްފަހު އެބޭފުޅުން ބާއްވާ ފުރަތަމަ ބައްދަލުވުމުގައެވެ.

ސޫދާންގެ ރައްޔިތުން ޑިމޮކްރަސީ ގެނެވޭތީ އުފާ ފާޅުކުރަނީ

އެހެންކަމުން އިންތިގާލީ މަރްހަލާގައި ސޫދާނުގެ ރިޔާސަތުގެ ގޮތުގައި ހަރަކާތްތެރިވާ "ސިޔާދީ ކައުންސިލް" ގެ އަޣުލަބިއްޔަތު އޮންނާނީ މަދަނީންނަށް. ނަމަވެސް ބޮޑުވަޒީރުގެ ބެއްލެވުމުގެ ދަށުގައި އޮންނަ ސަރުކާރުގެ ދާޚީލީ ވުޒާރާއާއި ދިފާއީ ވުޒާރާގެ ވަޒީރުކަމާއި ސަލާމަތާބެހޭ މުއައްސަސާތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާނީ އަސްކަރީ ޖެނެރަލުންނެވެ.

"ދަސްތޫރީ އިއުލާން" ގެ ދަށުން މިމަހުގެ 20 ދުވަހު ބޮޑުވަޒީރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ޖެހޭއިރު، އިދިކޮޅު ކޯލިޝަނުން އެމަގާމަށް އިޚްތިޔާރުކޮށްފައިވަނީ އިލްމީގޮތުން ފުންނާބު އުސް ބޭފުޅެއްކަމަށްވާ ޢަބްދުﷲ ޙަމްދޫކްއެވެ. ޙަމްދޫކަކީ އދ. އާއި އެފްރިކަން ޔުނިއަންގައި ދިގުމުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ އަދި ސޫދާން ރައްޔިތުންގެ އިހްތިރާމު ލިބިވަޑައިގެން ހުންނެވި ނަޒާހަތްތެރި ކަމަށް މަޝްހޫރު އިގްތިސާދީ ތަޖްރިބާކާރެކެވެ.

"ދަސްތޫރީ އިއުލާން" ގެ ދަށުން ގާނޫނު ހަދާ ކައުންސިލް އެކުލަވާލުމަށް ހަމަޖެހިފައިވަނީ ކުރިޔަށްއޮތް 3 މަސް ތެރޭގައެވެ. ސޫދާނަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެކުލަވާލާ މަދަނީ އިންތިގާލީ ސަރުކާރުގެ މުއްދަތަކީ 3 އަހަރާއި 3 މަހެވެ. މިމުއްދަތުގެ ތެރޭގައި ސޫދާން ފުރިހަމަ ޑިމޮކްރަސީ އަކަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ވާންޖެހެއެވެ.

މި ތައްޔާރީތަކުގެ ތެރޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހިންގޭގޮތަށް ސޫދާނުގެ ގާނޫނު އަސާސީ ބަދަލުކުރުމާއި މިނިވަން މުއައްސަސާތަކުގެ ގާނޫނުތައް ފާސްކޮށް އެ މުއައްސަސާތައް އުފެއްދުމާއި މިނިވަން ޝަރުޢީ ނިޒާމެއް ގާއިމްކުރުމާއި ދެފުށްފެންނަ މިނިވަން އިންތިޚާބަކަށް މަގުފަހިކުރުން ހިމެނެއެވެ.

comment ކޮމެންޓް