ހަތަރު ރަށެއްގެ މަޝްރޫއުތަކަށް 6 ލައްކަ ރުފިޔާގެ އެހީ ދީފި

ހަތަރު ރަށެއްގެ މަޝްރޫއުތަަކަށް ހަ ލައްކައެއްހާ ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުންތަކުގައި އެރަށް ރަށުގެ ކައުންސިލްތަކާއެކު ހޯމް މިނިސްޓްރީން ސޮއިކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ހޯމް މިނިސްޓްރީން ވަނީ މިއަހަރު ރަށްރަށުގައި ޖަމާއަތުގެ ފައިދާއަށް ރަށު ކައުންސިލްތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 300،000 އާ ހަމައަށް އެހީވުމަށް ނިންމައި، އެފަދަ މަޝްރޫއުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލައްވައިލަފަ އެވެ.

އެގޮތުން މިހާތަނަށް ޖުމްލަ ހަތަރު ރަށެއްގެ މަޝްރޫއުތަކަށް މުޅި ޖުމްލަ 633،581 ރުފިޔާގެ އެހީ ދިނުމަށް ހޯމް މިނިސްޓްރީން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. ކޮންމެ ރަށަކަށްވެސް ފައިސާ ދެނީ ހޯމް މިނިސްޓްރީން ކަނޑައަޅާ މިންވަރަކަށެވެ. މަޝްރޫއަށް ބާކީ ފައިސާ ހަރަދު ކުރަނީ އެ ކައުންސިލަކުންނެވެ.

ހޯމް މިނިސްޓްރީން މިހާތަނަށް ސޮއިކޮށްފައި ވަނީ، އއ.ހިމަންދޫ ކައުންސިލާއި، ނ.ހޮޅުދޫ ކައުންސިލާއި، ތ.ވިލުފުށި ކައުންސިލާއި، ނ.ކުޑަފަރި ކައުންސިލާއެކުއެވެ. މީގެތެރެއިން ވިލުފުށްޓާއި ކުޑަފަރި ކައުންސިލާއެކު ސޮއިކުރީ މިއަދު އެވެ.

ވިލުފުށި ކައުންސިލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ކުޑަކުދިންގެ ޕާކެއް އެޅުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީން ހަރަދުކުރާނީ 289،131 ރުފިޔާ އެވެ. ވިލުފުށި ކައުންސިލުން 170،000 ރުފިޔާ ހަރަދުކުރާނެއެވެ.

ކުޑަފަރި ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މަގުބައްތި ޖެހުމަށެވެ. މިއެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،00 ރުފިޔާއެވެ. ކުޑަފަރި ކައުންސިލުން މި މަޝްރޫއުއަށް ހަރަދުކުރަނީ 251،642 ރުފިޔާ އެވެ.

ނ. ހޮޅުދޫގައި ކޮމިއުނިޓީ ޕާކެއް އެޅުމުގެ އެއްބަސްވުގައި ސޮއި ކުރީ މިމަހު ހަތް ވަނަ ދުވަހު އެވެ. މި މަޝްރޫއަށް މިނިސްޓްރީން 284،450 ރުފިޔާ ހަރަދު ކުރާއިރު، ކައުންސިލުން ހަރަދު ކުރަނީ، 216،000 ރުފިޔާ އެވެ.

ހިމަންދޫގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ކައުންސިލާއެކު ސޮއިކުރީ މި މަހު ހަތް ވަނަ ދުވަހު އެވެ. މި މަޝްރޫއަށް މިނިސްޓްރީން 300،00 ރުފިޔާ ހަރަދު ކުރާއިރު، ކައުންސިލުން ހަރަދު ކުރަނީ، 502،000 ރުފިޔާ އެވެ. މިއީ ޖަމާއަތުގެ ފައިދާއަށް މިނިސްޓްރީގެ ފަރާތުން އެހީވުމަށް އެއްބަސްުމުގައި ސޮއި ކުރި އެންމެ ފުރަތަމަ ރަށެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އެވެ. އަދި ރަށްތަކުން ސޮއިކުރީ އެ ރަށެއްގެ ކައުންސިލުން ނެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، ކައުންސިލްތަކަށް އެހީ ދިނުމުގެ މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ހަމަޖެހިފަ އެވެ. އެއީ ޕާރކް ހެދުމަށް ހަ ރަށަކަށް، މަގުބައްތި ޖެހުމަށް ހަ ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް ހަތަރު ރަށަކަށް އަދި ނެރުބައްތި ޖެހުމަށް އެއް ރަށަށެވެ.

comment ކޮމެންޓް