ކާބުލް (އޮގަސްޓު 18): އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮތް ކައިވެނި ހަފްލާއެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 63 މީހަކު މަރުވެ، 180 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.
އަފްގާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަސްރަތު ރަހީމީ ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި ދިން އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި ހަމަލާ ދިނީ މީހަކު އަމިއްލައަށް މަރުވެގެން ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުންޏެވެ.
އެ ހަމަލާ ދީފައި ވަނީ ކާބުލްގައި ޝީޢީން ދިރިއުޅޭ ސަރަހައްދެއްގައެވެ. އަދި އެއީ އަފްގާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ރައީސް އަޝްރަފް ޣަނީ މާދަމާ ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ދާރުލްއަމާން ގަނޑުވަރު ހުންނަ ސަރަހައްދެވެ.
ޝީއީން ދިރިއުޅޭ ސަރަހައްދުތަކަށް މީގެ ކުރިން ހަމަލާތައް ދީފައިވާ ތާލިބާން ޖަމާއަތުން ވަނީ އެއީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ. އަދި އެހެން ޖަމާއަތަކުންވެސް ހަމަލާގެ ޒިންމާ ނަގާފައި ނުވެއެވެ.
މީގެ ކުރިން މިމަހުގެ ހަތެއްގައި ކާބުލްގެ ޕޮލިސް ސްޓޭޝަނެއް ކައިރީ ތާލިބާނުން ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރުވެ، 150 މީހުންނަށް އަނިޔާވި އެވެ. އެހަމަލާ ދިނީ، ގަތަރުގައި ތާލިބާނާއި އެމެރިކާއިން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަނިކޮށެވެ.